ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ފަހަތުން އަރައި އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ލަނޑު ޖަހައި ފުރަތަމަ ލީޑު ނެގީ ސޮސިއެޑާޑުންނެވެ. އެއީ މެޗުހެ ނުވަ ވަނަ މިނެޓުގައި މިކޭލް އޮޔާޒަބާލް ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް އިން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި އެޑޮއާޑޯ ކަމަވިންގާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލޫކާ މޮޑްރިކް ދިން ބޯޅައަކުންނެވެ.
ރެއާލްއަށް ލީޑު ނަގައިދިނީ އޭގެ ތިން މިނެޓު ފަހުން މޮޑްރިކްއެވެ. ސޮސިއެޑާޑުގެ އޭރިޔާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގެ 76 ވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ކަރީމް ބެންޒެމާއެވެ. އޭގެ ތިން މިނެޓުފަހުން މާކޯ އަސެންސިއޯ ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކާވަހާލް ހުރަސްކޮށްދިން ބޯޅައަކުންނެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ރެއާލް އޮތީ ލީގު ތާވަލްގެ އެއް ވަނައިގައި 63 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ތިން ވަނައިގައި 46 ޕޮއިންޓާއެކު ރެއާލް ބެޓިސް އޮތްއިރު، ހަތަރު ވަނައިގައި ބާސެލޯނާ އޮތީ 45 ޕޮއިންޓާއެކުއެވެ.