ޝުޖާއު އިސްވެ ހުންނަވައި، ހުޅުމާލޭގައި ހިލޭ ބައިވެރިވެވޭ ފަހާ ކޯހެއް ބާއްވަނީ

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު --- ސަން ފައިލް ފޮޓޯ/ ފާޔާޒު މޫސާ

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު، މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުޅުމާލޭ ދާއިރާގެ މެންބަރު ސަމިއްޔާ ޢަބްދުﷲއާ އެކު، އަންހެނުންނަށް ފަހާ ކޯހެއް ހިންގަން ނިންމަވާފައިވާކަން އިއުލާންކުރައްވައިފިއެވެ.

ޝުޖާއު ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުންނަށް އަމާޒު ކޮށްގެން، މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހިންގާ ފަހަން ދަސްކޮށްދޭ ކޯހެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެއް މަސްދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ފަހާ ކޯހުގެ ފުރަތަމަ ލެވެލްގަ އާއި ދެވަނަ ލެވެލްގައި ކިޔަވައިދޭނީ، ފެހުމުގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ކޯހާ ބެހޭގޮތުން މެންބަރު ސަމިއްޔާ "ސަން" އަށް ވިދާޅުވީ، ބައިވެރިވާ މީހުންގެ ތަރުހީބަށް ބެލުމަށްފަހު، މަހެއް ނޫނީ ދޮޅުމަހެއްގެ ތެރޭގައި ކޯސް ފަށާނެ ކަމަށެވެ.

"ވަކި ކުލަޔަކަށް، ޕާޓީ ފިކުރަކަށް ނުބަލާ، އަޅުގަނޑުމެން [ހޮވާނީ] ބައިވެރިންގެ ތެރެއިން ނޮމިނޭޓް ވާ 30 ޖާގަ. އެއީ ގާތްގަނޑަކަށް 4000 ރުފިޔާއަށް ވަރަށް ބައިވެރިވެވޭ ކޯހެއް. އަޅުގަނޑުމެން މި ހިންގަނީ ހިލޭ،" ސަމިއްޔާ ވިދާޅުވިއެވެ.

ސަމިއްޔާ ވިދާޅުވީ ހުޅުމާލޭގައި ފަހާ ކޯހެއް ބޭއްވުމަކީ އޭނާގެ ކެމްޕޭން ވައުދެއް ކަމަށެވެ. އަދި މި ކޯހަށްފަހު، އަނެއްކާވެސް އަންހެނުންނަށް އަމާޒު ކޮށްގެން އިތުރު ކޯސްތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަަޖައްސާފައި ވާނެ ކަމަށް ސަމިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކެމްޕޭން ވައުދެއް އެއީ. މި ދާއިރާއަށް އަޅުގަނޑު ކުރިމަތިލީ، ކަނބަލުންގެ ހައްގުގަ މަސައްކަތްތަކެއް ކުރެވި، ދާއިރާގައި ކަނބަލުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްތަކެއް ކޮށްދިނުމަށް ވައުދުވެގެން އަޅުގަނޑު މި ގޮނޑި ހޯދީ،" ސަމިއްޔާ ވިދާޅުވިއެވެ.

ސަމިއްޔާ ވިދާޅުވީ އެ ކޯސް ބާއްވާނެ ތަނެއް ހަމަޖެއްސުމާ ބެހޭ ގޮތުން މިހާރު ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް