ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އަޅައި، އާންމުންނަށް ހުޅުވައިލައިފި

ހިޔާ ފްލެޓް ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމައިލައި، މަގުތައް އާންމުކޮށް ހުޅުވައިލައިފިއެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ނޮވެމްބަރު މަހު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އޭރު އަމާޒުހިފި ނަމަވެސް މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.

އެ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެއް ލީޑިން އެކްސްޕޯޓް ކުންފުނި ކަމަށްވާ މޯހަން މުތާއިންނެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ ހުރިހާ މަގުތައް ހަދައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އާންމުންނަށް މަގުތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހިޔާ ފްލެޓު ސަރަހައްދުން ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު ނާޅައި ހުރުމުން ވައި ގަދަވާއިރު ހިރަފުހާއި ވެލި، މުޅި ސަރަހައްދުގައި އެނބުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި ހިނގާބިގާވެ އަދި ވެހިކަލްތަކުގައި ދުއްވާފައިދާ މީހުންނަށް ވެސް އެކަމުގެ ސަބަބުން އުނދަގޫވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މަގުތަކުގައި ތާރަ އަޅައި ނިމުމާއެކު، މި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

comment ކޮމެންޓް