ތައިރޮއިޑް އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

ތައިރޮއިޑް އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން-- ފޮޓޯ/ ޓްވިޓާ

ތައިރޮއިޑުގެ ފަރުވާއަށް ކުރި އޮޕަރޭޝަނަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ ފޮޓޯ އާންމުކުރައްވައިފިއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން، ރައީސް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާ ވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި 25 ވަނަ ދުވަހު ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވަވައިފައެވެ. އެ މަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަޑައިގެންނެވިއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ރައީސް ޞާލިޙު ހޮސްޕިޓަލުން ދޫކޮށްލައިފައިވާއިރު، އޮޕަރޭޝަނަށް ފަހު ރައީސްގެ ފުރަތަމަ ފޮޓޯ އާންމުކުރައްވައިފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.

ރައީސްއާއެކު ނަންގަވައިފައިވާ ފޮޓޯއެއް ހިއްސާކުރައްވައި، ރީކޯ ވިދާޅުވީ ރައީސްގެ އޮޕަރޭޝަނަށް ފަހު ހެޔޮ ހާލު ކޮޅުގައި ބައްދަލުވެ އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ގާތުން ބަލާލެވިއްޖެ ކަމަށެވެ.

ރީކޯ އާންމުކުރެއްވި ފޮޓޯގައި ރައީސް އޮޕަރޭޝަން ކުރެއްވި ލަކުނު ވެސް ފާހަގަވެއެވެ.

ހަމައެހެންމެ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރީކޯ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަން ރައީސްގެ އަރިހުގައި ދެންނެވި ކަމަށް ވެސް ރީކޯ ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 25ގައި ރައީސް ޞާލިޙުގެ އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުވެވަޑައިގެންނެވިއެވެ.

އެ އޮޕަރޭޝަނަށްފަހު، ހަމަ އެ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ވަނީ ހަވާލުވެވަޑައިގެންފައެވެ.

comment ކޮމެންޓް