ރޮޒޭގެ ރައްދު އީވާއަށް: ވެރިކަން ލިބުނީ ނަޝީދު ފެކްޝަން މެންބަރުންގެ އެކަނި މަސައްކަތަކުން ނޫން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ލިބިވަޑައިގަތީ، ހަމައެކަނި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން ކުރެއްވި މަސައްކަތުން ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ރައްދުދެއްވަވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މިއަދު ހެނދުނު އީވާ ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރު އުފެދުނީ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ވެސް ހިމެނޭހެން ކަމަށެވެ.

މެންބަރުންގެ ނަން ވިދާޅުވެ، އެ މެންބަރުންނަށް ވުރެ ވަކި އިޚްލާސްތެރި ބަޔަކު ޕާޓީގައި ނުތިއްބަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހްމީ، އިއްޒަތްތެރި މެންބަރު މުޙައްމަދު ވަހީދު، އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހްމީގެ މި ޓީމު، އަޅުގަނޑުމެންނަށް ވުރެ ވަކި މި ސަރުކާރަށް އިޚްލާސްތެރި ބަޔަކު ވެސް ނުތިބޭނެ،" އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަފުޅާ ގުޅިގެން، އީވާ ހުށަހަޅުއްވައިފައިވާ މާލީ އަދި އެހެނިހެން މަސްލަހަތުތައް އާންމު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ، ވެރިކަން ކާމިޔާބު ކުރެވުނީ ވަކި މެންބަރުންތަކެއް ކުރެއްވި މަސައްކަތުން ކަމަށް ބުނުމަކީ އެހެން މެންބަރުންނާ މެދު ވެވޭ ނާއިންސާފެއް ކަމަށެވެ.

"މި ޕާޓީގެ ވެރިކަމަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން، ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ މަޖިލިސް ތެރެއިން ވެރިކަން ހޯދައިދެއްވުމަށް މަސައްކަތް ކުރެެއްވި މެންބަރުންގެ ނަންތައް ވިދާޅުވިއިރު، ރައީސް ޞާލިޙަށް މިހާރު ތާއީދުކުރައްވާ މެންބަރުންގެ ނަންތައް ވިދާޅުނުވީތީ ހިތާމަ ކުރާ ކަމަށް ވިދާޅުވެފައެވެ.

"މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާޙުގެ ނަމެއް ވިދާޅެއް ނުވޭ، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރުގެ ނަމެއް ވިދާޅެއް ނުވޭ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރުގެ ނަމެއް ވިދާޅެއް ނުވޭ، ގަމު ދާއިރާގެ އިއްޒަތްތެރި މެންބަރު ފައްޔާޒް އިސްމާއީލް އެއިރު ކުރެއްވި މަސައްކަތުގެ ވާހަކަ ވިދާޅެއް ނުވޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ވެރިކަން ލިބުނީ މި މެންބަރުން ވެސް ކުރެއްވި މަސައްކަތުން ކަމަށާއި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރެއްވީ "އެއް ވަރަކަށް، އެއް ވާނެއްގައި" ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އެހެންވީމާ ވަކި ބަޔަކު ކުރި މަސައްކަތުންނޭ، ވަކި ބަޔަކު ބަޔަކު ކުރި އެއްޗެކޭ، މިހެން ވިދާޅުވުމަކީ ދެން ތިއްބެވި ހުރިހާ އެންމެންނަށް އޮތް ވަރަށް ބޮޑު ބޭއިންސާފެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އެތެރޭގެ އިންތިޚާބާ ދިމާކޮށް ޕާޓީގެ ވަކި މެންބަރުންތަކަކާ ޒާތީވެ، އަގު ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

comment ކޮމެންޓް