އެމްޑީޕީ ސަރުކާރުގެ އެންމެ އިސް މަސްލަހަތަކަށް ވާންވާނީ ޕާޓީ މެންބަރުން: ހަސަން ލަތީފް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފް--

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގެ އެންމެ އިސް މަސްލަހަތަކަށް ވާންވާނީ ޕާޓީގެ މެންބަރުންގެ މަސްލަހަތު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީ މެންބަރަކު މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކަކީ ވަކި މަފްހޫމްތަކެއްގެ ދަށުން ދީފައިވާ ބާރުތަކެއް ކަމަށްވީހިނދު، ބާރުތައް ބޭނުން ކުރަންވާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުން މަތީން ހަމަހަމަކޮށް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، އެ މެންބަރުންގެ ދާއިރާތަކުގެ އެމްޑީޕީ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. މިފަދަ ކަންކަމަކީ ހިތާމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަސަން ލަތީފް ސިފަކުރެއްވިއެވެ.

ސަރުކާރުން މެންބަރުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަން ފާހަގަކުރައްވައި، ހަސަން ލަތީފް ވިދާޅުވީ މިފަދަ ކަންކަމަކީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރެއް އޮންނައިރު، ސަރުކާރުގެ އެންމެ އިސް މަސްލަހަތަކަށް ވާންވާނީ އެމްޑީޕީގެ ރައްޔިތުން، އެމްޑީޕީގެ މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް. ޕާޓީގެ މަސްލަހަތަކަށް ވާން ވާނީ ޕާޓީގެ މެންބަރުން ހިމާޔަތްކޮށްދިނުމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން، އެމްޑީޕީގެ އެންމެ އިސްވެރިޔާ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވައިފައި އޮންނަ ބާރެއް ބޭނުން ކުރައްވާއިރު ވެސް ޕާޓީގެ މެންބަރުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަޙުމަދު ވަކިކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އާމިރު ވަކިކުރީ އިންތިޚާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި ފާޅުގައި ކެމްޕޭންގައި އުޅުއްވާތީއެވެ.

އެހެންނަމަވެސް ދުވާފަރު ދާއިރާއިގެ މެންބަރު އިސްމާއިލް އަޙުމަދު ވިދާޅުވި ގޮތުގައި އާމިރު ވަކިކޮށްފައިވަނީ އޭނާއަށް މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތުތަކަށް ފަރުވާކުޑަކޮށް އެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، އޭނާއާ އެކުގައި މަސައްކަތްކުރާ މީހުންނާއި އާންމު ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

comment ކޮމެންޓް