އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަޒީފާއިން ވަކިކުރާ ކަމުގެ ތުހުމަތާއެކު މަޖިލީހަށް ކުއްލި މައްސަލައެއް

ވަޒީފާ އިން ވަކިކުރި އާމިރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދެވެ.

ވަހީދުގެ ކުއްލި މައްސަލައިގައި ވަނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ދީފައިވީ ނަމަވެސް އެ ބާރުތައް ބޭނުން ކުރަން ޖެހޭނީ ވަކި ހަމަތަކަކާއި އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަންވާނީ ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކުގައި ކަން ފާހަގަކުރެއްވިއެވެ.

"މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން ވަކި ބަޔަކު އިންތިޚާބުތަކާ ދިމާކޮށް އަދި ވަކިން ޚާއްޞަކޮށް ވެރިކަން ހިންގާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަކި ކުރުމަށް ނިންމާ، ވަކި ކުރުމަކީ އެ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް،" ވައްޑެގެ ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅުއްވަމުން ވައްޑޭ ވިދާޅުވީ އިންތިޚާބާ ގުޅުވައިގެން، ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަޙުމަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލޭނެ ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތީ 23 މެންބަރުންގެ ވޯޓާއެކުގައެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް މިހާރު ވަނީ ފަށައިފައެވެ.

އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ބިރުދެއްކުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު ވަކިކުރީ އިންތިޚާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި ފާޅުގައި ކެމްޕޭންގައި އުޅުއްވާތީއެވެ.

comment ކޮމެންޓް