ރާއްޖޭގެ ކުލަބުތަކުގެ ދަރަންޏާ ޔޫތު މިނިސްޓްރީއަށް ހަވާލު ނުވެވޭނެ ކަމަށާއި އެއީ އެކަން ކުރުން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ދަރަނި ޚަލާސްކުރަން ސަރުކާރުން ފައިސާ ދިން ކަމުގައި ވިޔަސް އެކަން އެ ގޮތަށް ދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ވިކްޓަރީ އަށް ވެސް އަދި ނިއު ރޭޑިއަންޓަށް ވެސް ދިމާވެގެން މި އުޅެނީ ދަރަނީގެ މައްސަލަ. މިސާލަކަށް ނިއު ރޭޑިއަންޓްގެ ދަރަނި އެބައުޅޭ ހަތް މިލިއަން ރުފިޔާގައި. ހަތް މިލިއަން ރުފިޔާ އެ ކްލަބާ ހަވާލުކުރީމަ އަޅުގަނޑުމެންނަށް ނޭނގޭނެ ދެން ވެސް އެ ފައިސާއިން ކުރާނެ ކަމެއް. މިއަދު އެކަން ކުރީމަ ޖެހިގެން އޮންނަ ރަށުގެ ކްލަބްގެ ދަރަނި ފިލުވައިދޭން ޖެހޭނީ މިނިސްޓްރީން ނޫންތޯ. އެއީ އަސްލު ވެގެން މިއުޅޭ ގޮތަކީ،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުކަމަށްވާ ނިއު ރޭޑިއެންޓް ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. އެ ގޮތަށް އެންމެ ފުރަތަަމަ ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެ ނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ.
އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާއިން ވެސް ސަސްޕެންޑްކޮށްފައެވެ.
އެކި ފަހަރުތަކުގެ މަތިން ފުރުސަތު ދިން ނަމަވެސް، ވިކްޓްރީގެ ކަންކަން ރަނގަޅު ނުކުރުމުން އެ ކުލަބް ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ވިކްޓްރީގެ ސަސްޕެންޝަން ވެސް ވަނީ މިދިޔަ މުއްދަތުގައި ކްލަބްތަކުން ކޮންގްރެސްގައި ދަމަހައްޓައިފައެވެ.