ބެލަރޫސް އިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ބެލަރޫސް: މިއީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތިބި ގައުމެއް ---

ބެލަރޫސް އިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ދިވެހީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ބެލަރޫސްގެ ޔުނިވާސިޓީ ތަކުގައި އާދައިގެ މަތިން ކިޔެވުން ކުރިއަށް ދާކަމަށެވެ. އަދި، އެ ގައުމު އޮތީ އާންމު ހާލަތެއްގައި ކަމަށާއި، ހަމަލާއެއް އަތުވެދާނެ ކަމަށް ޔުނިވާސިޓީތަކުން ނުދެކޭ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ބެލަރޫސް އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގައުމެކެވެ. ރަޝިޔާއާއި ގާތް ގުޅުމެއް އޮންނަ ބެލަރޫސްގެ ސަރުކާރުން ވަނީ ހަނގުރާމަ ފެށެން ގާތްވެފައި ވަނިކޮށް އެ ގައުމާއެކު އަސްކަރީ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ހަނގުރާމައިގެ ސަބަބުން ބެލަރޫސްގެ އިގްތިސާދަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މިއުވާން ވިދާޅުވީ ޔޫކްރޭނުގައި ތަކެތީގެ އަގު މަތިވަމުން ދާތީ، އެ ގައުމުގައި ތިބި ދިވެހީންނަށް ވެސް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރަޝިޔާއިން ޔޫކްރޭނުގެ ވެރިރަށަށް އެރުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ރަށާއި، ކައިރި ސަރަހައްދެއްގައި ދިވެހި އާއިލާއެއް ވެސް ތިބެއެވެ. މިނިސްޓްރީން ބުނީ މިހާރު އެ އާއިލާ ދަނީ އެ ގައުމުގެ ހުޅަނގު ބޯޑަރާ ދިމާލަށް ދަތުރުކުރަމުން ކަމަށެވެ.

ދެގައުމުގައި ވެސް ތިބި ދިވެހިންނާއި ގުޅުން އެބައޮތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިއްޔެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިހާރު ވެސް ޔޫކްރޭނުގައި 12 ދިވެހިން ތާށިވެފައި ތިބިކަމަށް ބުނެފައެވެ.

comment ކޮމެންޓް