ރަޝިއާއިން ނިއުކްލިއާ ފައުޖު އެލާޓަށް ގެނައުން: ހަމަޖެހުމަށް ޗައިނާއިން އެދިއްޖެ

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވަންގް ވެންބިންގް

ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ރަޝިއާގެ ނިއުކްލިއާ ފައުޖު އެލާޓަށް ގެނައުމުން ޗައިނާއިން ނުސީދާކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވަންގް ވެންބިންގް ވިދާޅުވީ ހުރިހާ ގައުމަކުންވެސް ހަމަޖެހުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ގައުމެއްގެވެސް ސަލާމަތާ ގުޅުންހުރި ކަންކަމަށް އެޑްރެސްކުރަން ޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ އިރުމަތީ ޔޫރަޕުގައި ނޭޓޯގެ ބާރު ގަދަވުމާއި ގުޅިގެން ރަޝިއާއިން ފާޅުކުރާ ކަންބޮޑުވުންތަކަށް އިޖާބަދިނުމަށް މީގެ ކުރިންވެސް އެދިފައެވެ.

ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ރަޝިއާއާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރަކަށް ވޯޓު ނުދިނުމަށް ޗައިނާއިން ވަނީ ނިންމާފައެވެ.

އަދި ސަލާމަތީ މަޖިލީހުން އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނެގި ވޯޓުގައިވެސް ޗައިނާއިން ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ.

ޗައިނާގެ އިތުރުން އިންޑިއާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްވެސް ހާމަގޮތެއްގައި ރަޝިއާއާ ދެކޮޅަށް މަސައްކަތެއް ނުކުރެއެވެ. އަދި ސަލާމަތީ މަޖިލީހުގައިވެސް ރަޝިއާއާ ދެކޮޅަށް ވޯޓެއް ނުދެއެވެ.

ޗައިނާ އާއި ރަޝިއާއަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެކެވެ. ދެ ގައުމަކީވެސް މިލިޓަރީގޮތުން ބާރުގަދަ ދެ ގައުމަށްވާއިރު، ގިނަ ދާއިރާތަކުން އެ ދެ ގައުމުގެ ގުޅުންތައް ވަރަށް ބަދަހިއެވެ.

comment ކޮމެންޓް