ދިވެހިންނަށް ޣައްދާރުވި ބަޔަކާ ސިޔާސީ ގުޅުން އުފައްދަން ބޭނުމެއް ނޫން: ރައީސް ޔާމީން

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގއ. ވިލިނގިލީގައި -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުން ފިޔަވައި އެހެން ހުރިހާ ލީޑަރުން ދިވެހި ރައްޔިތުންނަށް ޣައްދާރުވެފައިވާ ކަމަށާއި ޣައްދާރުވި ބަޔަކާ އެކު ސިޔާސީ ގުޅުން އުފައްދަން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން މިއަދު ގއ. ވިލިނގިލީގައި ބޭއްވި ހަރަކާތެއްގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަނޑުތަކެއްގައި ސާވޭތައް ހެދުމަށް އިންޑިއާއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރު ކަނޑުގެ ތަހުލީލުތައް ހެދުމަށް ކަމަށް ބުނެ އިންޑިއާއިން ބޯޓުތައް ބާއްވައި، ފެންސު ޖަހާ ކަމަށާއި ނަމަވެސް ގައުމުގެ ވެރިން އެކަމަށް ސަމާލުކަން ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ނޫންނިއްޔަކާއެއް ދިވެހި ތާރީޚުން ނަގައިދޭން އޮތް ފިލާވަޅެއް ނޯންނާނެ. މި ނޫނިއްޔާ ވެރިކަމުގެ ތިބި ހުރިހާ އެންމެން، ސިޔާސީ ގޮތުން ޅައިރުގަ މިހާތަނަށް މަގު ދައްކަމުން އައި ހުރިހާ ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުންނަށް ޣައްދާރުވީ ތާރީޚީ ސޮފްހާއެއް، ތާރީޚުން ނަގައިދީފަ އޮތް ޕެރެގްރާފެއް ދިވެހި ތާރީޚުގަ މިހާތަނަށް ލިޔެވިފައެއް ނޯންނާނެ. މިއަދު ޕީޕީއެމް ޕީއެންސީ ފިޔަވާ ދެން ތިބި ހުރިހާ ލީޑަރުން އެތިބީ ދިވެހި ރައްޔިތުންނަށް ޣައްދާރުވެގެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ރައީސް ކަމަށް ހޮވަން ތާއިދު ކުރާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ޔާމީން އެދިވަޑައިގަތެވެ. އަދި ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް ނެރެން ބޭނުންވާ، ގާބިލު މީހުން ތިބި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގއ. އަތޮޅު ކައުންސިލްތަކުގެ ކައުންސިލަރުންނާއެކު -- ފޮޓޯ/ ޕީޕީއެމް

"ދިވެހި ރައްޔިތުންނަށް މި ބޮޑު މައްސަލައިގަ ޣައްދާރުވި އެއްވެސް ބަޔަކާ އެކީ އަޅުގަނޑު މި ޕާޓީގެ ލީޑަރަކަށް ހުރެއްޖެއްޔާ، އަޅުގަނޑު ބޭނުމެއް ނޫން ސިޔާސީ ގުޅުމެއް އުފައްދާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބުމަށް ފަހު ޕާޓީ ދޫކޮށްލާފައި ދިޔަ މީހުންނަށް އެ ޕާޓީތަކުން ދެން ޖާގައެއް ނުލިބޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާތަނަށް ހަ ރަށަކަށް ޒިޔާރަތް ކުރައްވާފައިވާ ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަސީލަތްތައް ގިނަ އަދި ވަސީލަތްތައް އިތުރު ކުރެވޭނެ ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން ނުޖެހޭ މިތަނަށް އަސްކަރީ ބަޔަކު އައިސް ދާނެތީ ދުރާލާ ރަޖާ އަޅައިގެން އިންޑިއާ ސިފައިން ގެނެސް ބައިތިއްބާކަށް، އެވަނީ އެހެން ކަމެއް. އެވާގޮތަކީ 2018 ވަނަ އަހަރު އިންތިޚާބު ވަގަށް ނަގައި ދިނީމަ އެކަމަށް ހޭދަ ކޮށްދިނީމަ އޭގެ ޖިޒީ އެ ދައްކަނީ،" ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން މިއަދުވެސް ވަނީ، އިންޑިއާ ސިފައިން ތިބި އެއްވެސް ތަނަކަށް ދިވެހި ސިފައިންގެ ބާރު ނުހިނގާ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އަދި ދިވެހި ސިފައިން "ސިޔާސީ ކުރަން" ޖާގަ ނުދިނުމަށް ޔާމީން ގޮވާލެއްވިއެވެ.

"ސިޔާސީ މީހުން އެ އުޅޭ ގޮތަކަށް އުޅެފާނެ. އެކަމަކު ދިވެހި ސިފައިންނަކަށް ސިޔާސީއެއް ނުވެވޭނެ. ސިޔާސީ މީހުންނަކީ މިއަދު އެއް ކުލަ މާދަން އަނެއް ކުލަ އަނެއް ދުވަހު އަނެއް ކުލައިގަ ތިބޭނެ ބަޔެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް