ދެ ވަނަ މެޗުގައި ސައުދީން ރާއްޖެ ވެސް ބަލިކޮށްފި

ރޭ ރާއްޖެ އަދި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާ ފަހު މެޗުގައި ރޭ ސައުދި އަރަބިއްޔާގެ އަންހެން ޓީމް އަތުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ސައުދީ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ސައުދީ އިން އަލަށް އެ ގައުމުގެ އަންހެން ފުޓުބޯޅަ ޓީމެއް އެކުލަވާލާ، ކުޅުނު ފުރަތަަމަ މެޗުގައި ވަނީ ސީޝެލްސް ބަލިކޮށްފައެވެ. އެ މެޗުން ވެސް ސައުދީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ސައުދީ އިން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. ސައުދީގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ މައީޝާ އަބްދުލް ހައްނާން އާއި ފާތިމަތު ތީބާގެ ފަރާތުން މޮޅު ޑިފެންސްއެއް ފެނުނެވެ.

ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ. ދެ ވަނަ ހާފުގައި

ސައުދީެއިން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އަލްބަންދާރީ މުހައްމަދު އަލްވަސާވީ ނަގައިދިން ބޯޅައެއް ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން މި ލަނޑު ސައުދީ އަށް ޖަހައިދިނީ އަލްބަންދާރީ މުބާރަކް އަބްދުﷲ އެވެ.

ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއްގައި ތީބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.

ސައުދީއިން އެ ޓީމުގެ ދެ ވަނަ ގޯލް ޖެހީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. މި ގޯލް ވެސް ޖަހައިދިނީ އަލްބަންދާރީ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މަރިޔަމް އަލްތަމީމީ ފޮނުވާލި ބޯޅަ ކީޕަރު އާމިނަތު ލީޒާ އަތުގައި ޖެހިފައި ނިކުތް ވަގުތު ބަޔާން ބަހާއިލްދިން ސަދަގާއަށް ލިބުނު ބޯޅަ އޭނާ ޖެއްސީ އަލްބަންދާރީ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ސައުދީއިން ދެ ވަަނަ ލަނޑު ކާމިޔާބުކުރިއެވެ.

މިރޭގެ މެޗަކީ މިފަހަރުގެ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފަހު މެޗެވެ. މި ފަހަރުގެ އެކުވެރިކަމުގެ މެޗުތަކަކީ މި އަހަރު ފަހުކޮޅު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ޓީމުން ކުޅުނު މެޗުތަކެކެވެ.

comment ކޮމެންޓް