ޚަރްވިކް 'ތާށިވެފައި' ތިބި ދަރިވަރުން ނުކުމެވޭނެކަމުގެ އުންމީދުގައި، އެދެނީ ހެޔޮ ދުއާއަށް

ޔޫކްރެއިންގެ ޚަރްވިކްގައި ތިބި ފަސް ދަރިވަރުން ރައްކާތެރިވުމަށް ތިބި ބިމު އަޑީގެ ސަބްވޭ --- ފޮޓޯ/ ދަރިވަރެއް

ދެ ގައުމުގެ ކޯޅުން ގޯސްވުމުން އެހެން ދަރިވަރުންނެކޭ އެގޮތަށް މި ފަސް ދިވެހި ދަރިވަރުން ވެސް އެ ގައުމު ދޫކޮށް ދާން ބޭނުންވި ނަމަވެސް ވަނީ ދެވޭގޮތް ނުވެފައެވެ.

ޔޫކްރެއިންގެ ޚަރްވިކް ސިޓީގައި 'ތާށިވެފައި' ހުރީ ދިވެހި ތިން އަންހެން ދަރިވަރުންގެ އިތުރުން ދެ ފިރިހެން ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ޔޫކްރައިން ދޫކޮށް ނުދެވިފައި ތިބީ ވިސާގައި މައްސަލަތަކެއް ހުރުމުންކަން ވަނީ އެނގިފައެވެ.

"ފޮރިން މިނިސްޓްރީންނާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ," ޚަރްވިކްގައި ހުރި ދިވެހި ދަރިވަރަކު ބުންޏެވެ.

ރަޝިޔާއިން ޔޫކްރެއިނަށް މިއަދު ހަމަލާ ދޭން ފަށާފައިވާއިރު, ޔޫކްރެއިން އިން ވަނީ އާންމު ވައިގެ ދަތުރުތައް މެދުކަނޑާލައިފައެވެ. އެހެންކަމުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން ޖެހެނީ އެއްގަމު މަގުންނެވެ.

ޔޫކްރެއިންގެ ޚަރްވިކްގައި ފަސް ދަރިވަރުން ތިބި ތަން ދައްކުވައިދޭ މެޕެއް ----

"ޓްރެއިން ސްޓޭޝަންގެ ބައެއް ރޫޓްތައް ވަނީ މިހާރު ހަލާކުވެފައި. އެހެން ސިޓީއަކަށް ދާން އަޅުގަނޑުމެން ވެސް ބަލައިފިން އެކަމަކު ޓްރެއިން ދަތުރުތަކެއް ނެތް," ކީވްގެ ހާލަތު ގޯސްވެދާނެ ކަން ފާހަގަކޮށް އެތަނުގައި ހުރި ދިވެހި ދަރިވަރަކު ކިޔައިދިނެވެ.

އެ ސިޓީން ނުކުތުމަށް އޮތް ދެ މަގު ވެސް ބަންދުވެފައިވާކަން ފާހަގޮށް އޭނާ ބުނީ ޓްރެއިންގެ އިތުރުން ބަސްގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައި ކަމަށެވެ.

"މިއަދު 5:30 ގައި ހޭލެވުނުއިރު އިވޭ ގޮވުންތަކުގެ އަޑު. އެންމެ ހެނދުނާ އެއްޕޯޓްތައް ވެސް ބަންދުކޮށްފި,"

ދިވެހި ފަސް ދަރިވަރުން ތިބި ސަރަހައްދަށް ގޮވުންތަކުގެ އަޑު އިވުނު ނަމަވެސް އެ ހިސާބަށް އެއްވެސް ހަމަލާއެއްގެ އަސަރު ނޮފޯރާ ކަމަށް އެކުދިން ކިޔައިދިނެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުން, އާންމުންނަށް އަމާޒުކޮށާއި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލަތައް އަމާޒުކޮށްފައި ނުވާ ކަމަށް ވެސް އެ ކުދިން ކިޔައިދިނެވެ.

މީގެކުރިން އެކި ހިސާބުތަކުގައި ދިރިއުޅުނު ނަމަވެސް މިހާރު ފަސް ދަރިވަރުން ވެސް ވަނީ އެއް އެޕާޓްމެންޓަށް ބަދަލުވެފައެވެ. ގޮވުންތަކުގެ އަޑު ފަސް ދަރިވަރުން ތިބޭ ތަނަށް އިވެއެވެ. ފަސް ވަނަ ބުރީގައި ދިރިއުޅޭ އެ ކުދިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެ ދޫކޮށް ބިމު އަޑީގައި ހަދާފައިވާ ސަބްވޭއަށް ދަނީއެވެ.

"މިއަދު ވެސް އަސްރު ނަމާދުކޮށްގެން ސަބްވޭއަށް އައިސް ދެގަޑިއެއްހާއިރު މިތަނުގައި ހުރިން. ދެން މިރޭ އެއްކޮށް މިތަނުގައި ތިބެން ޖެހޭނީ,"

ފަސް ދަރިވަރުން ތިބޭ ތަނުން ސަބްވޭއަށް ދެތިން މިނެޓުން އާދެވޭނެކަން ފާހަގަކޮށް ދަރިވަރަކު ބުނީ, އެތަނުގައި ތިބުމަށްފަހު ފޯނު ޗާޖުކޮށްލުމަށް ބައިގަނޑިއެއްހާއިރަށް ގެއަށް ދާ ކަމަށެވެ.

އެ ފަސް ކުދިން ވެސް ތިބީ ޚަރްވިކްއިން ނިކުމެވޭނެ މަގެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. އެދުނީ ހެޔޮ ދުއާ ކޮށްދިނުމަށެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެއްގަމު މަގުން އެ ފަސް ދަރިވަރުން އެހެން ގައުމަކަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. ނަމަވެސް އެ މައުލޫމާތު ރަސްމީކޮށް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ހަނގުރާމައިގެ ބޯ ވިލާގަނޑު އޮންނަތާ އެތައް ދުވަހެއް ފަހުން ރަޝިއާއިން މިއަދުގެ ފަތިހުގެ ވަގުތެއްގައި ވަނީ މިލިޓަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރޭނުގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ. އޭގެ ތެރޭގައި ޚަރްވިކް ވެސް ހިމެނެއެވެ.

comment ކޮމެންޓް