ދިވެހި ކަނބަލުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރަންޖެހޭ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ދިވެހި ކަނބަލުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްގެން މެނުވީ އެހެން އެއްވެސް ދާއިރާއަކުން ކުރިއަރައިގެން ދިޔުމަކީ ދަތިވާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އެކަމަނާ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު، އެ މިނިސްޓްރީގައި ޚާރިޖީ ދާއިރާގެ 80 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އަދި ވިދާޅުވީ ކަނބަލުންނަށް ކުރިއެރުމާއި ކާމިޔާބީ ލިބެމުން އަންނަތަން ފެނުމަކީ މިހާރު ވެސް ލިވިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ.

ފާއިތުވީ 25 އަހަރުގެ ތަޖުރިބާގައި ގިނަ ކުރިއެރުންތަކެއް ދިވެހި ކަނބަލުންނަށް ލިބިއްޖެކަން ފާހަގަ ކުރައްވަމުން ދުންޔާ ވިދާޅުވީ އޭގެ ތެރޭގައި ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، އަދި އަމިއްލަ ވިޔަފާރިތަކާއި އަދި އިޤްތިޞާދީ ގޮތުން ވެސް ކުރިއެރުންތައް ހޯދައިފި ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރެއް އަދި ނުވޭ. ހިތްހަމަޖެހޭ ވަރާ ގާތަށް ވެސް ނުދެވޭ. ކުރާންހުރި މަސައްކަތްތައް ވަރަށް ގިނަ. އެގޮތުން ބަލާލާއިރު ހާއްސަކޮށް އިޤްތިޞާދީ ގޮތުން ވަރަށް މަދު އަންހެނެއް އަމިއްލަ ފައިމައްޗަށް ތެދުވެ މި ތިބެނީ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިއްމު އެއްކަމަކީ އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން،" ދުންޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ބެއްޔަސް ކަނބަލުން ތިބޭ އަދަދު ދިޔައީ އެއް ދައުރުން އަނެއް ދައުރަށް މަދުވަމުން ނޫނިއްޔާ ދަށްވަމުން ކަމަށެވެ.

"އެހެންވީމަ އެ ޕަސެންޓޭޖަށް ބަލާލާއިރު އަޅުގަނޑުމެން ލަދު އެބަ ގަންނަންޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ އެކަމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގޭތެރޭގެ ކަންތައްތަކުގައި އުޅެންޖެހޭތީ އަންހެނުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަންހެނުންނަށް އިތުރު މަސައްކަތެއް ކުރެވޭނީ އާއިލާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދީގެން ކަމަށެވެ.

comment ކޮމެންޓް