ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފި

ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް އަރާފަ -- ފޮޓޯ/ ބްލޫމްބާގް

ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދަނީ ރަޝިއާ އާއި ޔޫކްރޭންގެ މެދުގައި ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވުމުންނެވެ.

ރަޝިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އަދި ޔޫރަޕަށް އެންމެ ގިނައިން ގުދުރަތީ ގޭސް ސަޕްލައި ކޮށްދޭ ގައުމެވެ.

މިއަދު ހެނދުނު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އެގައުމުން ޔޫކްރޭންގެ އިރުމަތީ ފަރާތުގައި އަސްކަރީ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ. އޭގެ ފަހުން ޔޫކްރޭންގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫކްރޭންގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއިން އެގައުމުގައި ހަނގުރާމަ ފަށާފައިވާ ކަމަށް ވިދާޅުވެ، ހަމަލާތައް ހުއްޓުވުމަށް އދ.އިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

އެއާއެކު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 102.48 ޑޮލަރަށް އަރައިފައެވެ. އެއީ ސެޕްޓެމްބަރު 2014ގެ ފަހުން ތެޔޮ ފީފާއެއްގެ އަގު އެހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

މި އަހަރު ފެށުނު ފަހުން، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގަށް ވަނީ 20 ޑޮލަރު އިތުރުވެފައެވެ. އެއީ ރަޝިއާއިން ޔޫކްރޭނަށް ދެމުން ދިޔަ އިންޒާރުތަކާ ގުޅިގެން އެމެރިކާ އާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އޮތުމުންނެވެ.

ރަޝިއާއިން މި ހަފްތާ ތެރޭގައި އެގައުމުގެ ސިފައިން ޔޫކްރޭނަށް ފޮނުވުމުން، ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް ރަޝިއާގެ ތެލުގެ އެކްސްޕޯޓަށް އަމާޒުކޮށް ފިޔަވަޅު އަޅައިފި ނަމަ އޭގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ލިބޭނެ ގެއްލުން ބޮޑުވާނެތީ، އެމެރިކާއިން އެފަދަ ފިޔަވަޅު އެޅުމަކީ ނާދިރު ކަމެއް ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް