އިންޑިއާ ސިފައިންނަށް މާބޮނޑި އަރުވާ ފޮޓޯއަކީ 2014ގެ ފޮޓޯއެއް: ވިލުފުށި ސުކޫލް

މީސް މީޑިއާގައި ދައުރުކުރަމުން އަންނަ ފޮޓޯ: މި ފޮޓޯއަކީ ސުކޫލަށް ޒިޔާރަތް ކުރި ޑޮކްޓަރުންތަކަކަށް މަރުހަބާ ކިޔުމުގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއް ކަމަށް ވިލުފުށީ ސުކޫލުން ބުނޭ

އިންޑިއާ ސިފައިންނަށް މާބޮނޑި އަރުވަން، ސުކޫލު ދަރިވަރުން ނެރެމުންދާ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯއަކީ 2014 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށް ވިލުފުށީ ސުކޫލުން ބުނެފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ސުކޫލު ދަރިވަރުންތަކެއް، ޔުނިފޯމުގައި ހުރި ސިފައިންގެ މީހަކަށް މާބޮނޑިއެއްދޭ މަންޒަރެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ މި ފޮޓޯއާ ގުޅިގެން ފާޑުކިޔައި، އެކަން ކުށްވެރި ކުރަމުންނެވެ.

މި ކަމާ ގުޅިގެން ވިލުފުށީ ސުކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދައުރުވަމުންދާ ފޮޓޯއަކީ 2014 ވަނަ އަހަރު ތ. ވިލުފުށި ސިއްޙީ މަރުކަޒުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕަކަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ޓީމް، ވިލުފުށީ ސްކޫލަށް ޒިޔާރަތްކުރުމުން އެ ޓީމަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ސްކޫލްގެ ފަރާތުން އެ ޓީމަށް މާ ބޮނޑިއެއް ހަދިޔާ ކުރާ މަންޒަރުގެ ފޮޓޯއެއް ކަމަށެވެ.

އެ ސުކޫލުން ވަނީ ފޮޓޯގެ ޙަޤީޤަތް އޮޅޭ ގޮތަށް، ފޮޓޯ ދައުރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް، މިފަދަ ކަންކަމުން ދުރުވުމަށް އިލްތިމާސްކޮށްފައެވެ.

"ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިއުމަކީ ސްކޫލުން ވަރަށް އިސްކަމެއްދީގެން ކުރަމުންގެންދާ ކަމެއްކަމުގައި ވީހިނދު، މިފަދަ ގޮތަކަށް މި ފޮޓޯ ދައުރުކުރަމުން ގެންދިއުމަކީ މި ސްކޫލާއި، މި ރަށުގެ ރައްޔިތުންނަށް އަދި ޖުމުލަ ގޮތެއްގައި މުޅި ތައުލީމީ ދާއިރާއަށްވެސް ނުހަނު ކުޑައިމީސްކޮށް ކޮށްފައިވާ ކަމެއްކަމުގައި ދެކެން،" ސުކޫލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ދުވަހު ނަގައިފައިވާ އިތުރު ފޮޓޯތައް ވެސް ސުކޫލުގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައި ހުންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް