ރަޝިއާ - ޔޫކްރޭން މައްސަލަ: ސޫދާނުގެ ޑެލިގޭޝަނެއް ރަޝިއާއަށް

ރަޝިއާގެ ރައީސް ޕޫޓިން: ފޮޓޯ - ރޮއިޓާސް

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ސޫދާނުގެ ޑެލިގޭޝަނެއް ރަޝިއާއަށް ދިއުމަށް ނިންމައިފިއެވެ.

ސޫދާނުގައި ބަޣާވާތެއް ހިންގައި، ވެރިކަމާ ހަވާލުވެގެން ތިބި ސިފައިންގެ ކައުންސިލްގެ އިސްވެރިން ރަޝިއާއަށް ދިއުމަށް ނިންމާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ސޫދާނުގައި ބަޣާވާތެއް ހިންގައި، ވެރިކަން ސިފައިންނަށް ލިބުމާއެކު ބައިނަލްއަޤްވާމީ ގޮތުން އެ ގައުމަށް ލިބެމުން ދިޔަ މާލީ އެހީތެރިކަން ވަނީ ބޮޑުތަނުން ކުޑަވެފައެވެ.

ސޫދާނުގެ ޓްރާންސިޝަނަލް ސޮވެރެނިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން މުހައްމަދު ހަމްދާން ވިދާޅުވީ ރަޝިއާއަށް ކުރާ މި ދަތުރުގެ ސަބަބުން ދޭދޭ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

"މި ދަތުރާއެކު ރަޝިއާއާއި ސޫދާނުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ. އަދި އެކިއެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

ސޫދާން ޑެލިގޭޝަނުގެ މި ދަތުރަކީ ރަޝިއާއާއި ޔޫކްރޭންގެ މައްސަލައިގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާ ދަނޑިވަޅެއްގައި ކުރާ ދަތުރެކެވެ. އެމެރިކާއިން ވަނީ ސޫދާނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

ސޫދާނުގެ މިލިޓަރީ ސަރުކާރުން ވަނީ ގިނަ ގައުމުތަކާއެކު މަޝްވަރާކުރުންތައް ބާއްވާފައެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިތިއޯޕިއާ އަދި ސައުތު ސޫދާން މީގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް