ޔުކްރޭނުގައި 'އާޓިފިޝަލް އިންޓެލިޖެންސް' ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަސްމީކޮށް ރަޖިސްޓްރީކޮށްފި

އިންޓަނެޓް ޕާޓީ އޮފް ޔުކްރޭން" އަކީ 2007 ވަނަ އަހަރު އުފައްދައި 2010 ގައި ރަސްމީކޮށް ރަޖިސްޓްރީކުރި ޕާޓީއެއް ---

ޔުކްރޭނުގެ ސިޔާސީ މަޝްރަޙުގައި 'އާޓިފިޝަލް އިންޓެލިޖެންސް' (އޭއައި) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ރަސްމީކޮށް ރަޖިސްޓްރީކޮށްފިއެވެ.

އެޤައުމުގެ ދައުލަތުގެ ރަޖިސްޓްރީ މައުލޫމާތުތަކާ ހަވާލާދީ ޔުކްރޭނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޕާޓީއަކީ ކުރިން ހިންގަމުން އައި "އިންޓަނެޓް ޕާޓީ އޮފް ޔުކްރޭން" ގެ ނަން 2026 ވަނަ އަހަރުގެ ޖުލައި މަހު ބަދަލުކޮށްގެން އުފައްދާފައިވާ ޕާޓީއެކެވެ.

މި ޕާޓީގެ ލީޑަރަކީ ވިޔަފާރިވެރިއެއް ކަމަށްވާ އެލެކްސަންޑާ އޮޝޯވްސްކީއެވެ. އޭނާއަކީ މީގެ ކުރިން ކީވް ސަރަޙައްދުގައި ކާބޯތަކެއްޗާއި، ބުއިންތަކާއި އަދި ދުންފަތުގެ ބާވަތްތައް ވިއްކާ ރީޓެއިލް ވިޔަފާރިއެއް ހިންގި ފަރާތެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މި ޕާޓީގެ ކުރީގެ ނަމުގައި އޮތް އިރު ހުށަހެޅި މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ ޕާޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް މުވައްޒަފަކު، މުދަލެއް ނުވަތަ ބޭންކު އެކައުންޓެއްގައި ފައިސާއެއްވެސް ނެތެވެ.

https://sun.mv/228920

މި ޕާޓީއަށް ޒަމާނީ އަދި ކުރިއަރާފައިވާ ނަމެއް ދީފައިވީ ނަމަވެސް، އެ ޕާޓީން އަމިއްލަ އޭއައި ޓެކްނޮލޮޖީއެއް އުފައްދާފައިވާ ކަމުގެ ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ތަފްސީލީ ސިޔާސީ މެނިފެސްޓޯއެއް ނުވަތަ ޕްރޮގްރާމެއް އެކުލަވާލާފައިވާ ކަމުގެ އެއްވެސް އާންމު ހެއްކެއް އަދި ފެންނާކަށް ނެތެވެ.

އިންޓަނެޓް ޕާޓީ އޮފް ޔުކްރޭނަކީ މީގެ ކުރިންވެސް ސިޔާސީ މަޝްރަޙުގައި ތަފާތު ހަރަކާތްތަކެއް ހިންގާފައިވާ ޕާޓީއެކެވެ. އެގޮތުން ކުރީގެ އިންތިޚާބުތަކުގައި "ސްޓާ ވާސް" ފިލްމުތަކުގެ މަޝްހޫރު ކެރެކްޓާއެއް ކަމަށްވާ "ޑާތު ވޭޑާ" ގެ ނަމުގައި ކެންޑިޑޭޓުން ނެރެ، ސިޔާސީ މަޝްރަޙުގެ ސަމާލުކަން ހޯދުމަށް އެ ޕާޓީން މަސައްކަތްކޮށްފައިވެއެވެ.

އިންޓަނެޓް ޕާޓީ އޮފް ޔުކްރޭން" އަކީ 2007 ވަނަ އަހަރު އުފައްދައި 2010 ގައި ރަސްމީކޮށް ރަޖިސްޓްރީކުރި ޕާޓީއެކެވެ. މިއީ ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ކަރުދާހުގެ މުއާމަލާތްތައް މަދުކޮށް އީ-ގަވަރނަންސް ގާއިމުކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އުފެއްދި ނަމަވެސް، ބައިނަލްއަޤްވާމީ ގޮތުން އެ ޕާޓީ މަޝްހޫރުވެފައިވަނީ ސިޔާސީ މަޝްރަޙުގައި ހިންގާފައިވާ އާދަޔާޚިލާފު މަޖާޒީ (ސަޓަޔަރިކަލް) ހަރަކާތްތަކުގެ ސަބަބުންނެވެ.

ގިނަ ތަޖުރިބާކާރުން ބުނާގޮތުގައި މިއީ ޔުކްރޭނުގެ ސިޔާސީ ނިޒާމަށް ފާޑުކިޔައި، ސިޔާސީ މަޝްރަޙުގެ ސަމާލުކަން ހޯދުމަށް ހިންގާ ސިޔާސީ "ސްޓަންޓް" ތަކެކެވެ.

comment ކޮމެންޓް