އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާއި ރަޝިއާގެ ފޮރިން މިނިސްޓަރުގެ ބައްދަލުވުން ކެންސަލްކޮށްފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން -- ފޮޓޯ/ އޭޕީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވްގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މި ބައްދަލުވުން ކެންސަލްކޮށްފައިވަނީ ޔޫކްރޭނުގެ އިރުމަތީގެ ދެ ސަރަހައްދަކަށް ރަޝިއާ ސިފައިން އަރާފައިވުމުގެ ސަބަބުންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވީ، ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ ރަޝިއާއިން ޔޫކްރޭނަށް އަރައިނުގަންނާނެކަމަށް ޝަރުތުކޮށްފައި ކަމަށާއި ނަމަވެސް ރަޝިއާއިން ވަނީ ޔޫކްރޭނަށް އަރައިގަތުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

ނަމަވެސް އޭނާ ވަނީ އަދިވެސް ޑިޕްލޮމެސީއަށް ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރަޝިއާއިން ދަނީ ކެނޑިނޭޅި ޑިޕްލޮމެސީއާ ދެކޮޅު ހަދަމުންކަމަށްވެސް ބްލިންކެން ތުހުމަތުކުރެއްވިއެވެ.

ބްލިންކެން ވިދާޅުވީ ބޭރުފުށުން ޑިޕްލޮމެސީ ދައްކަމުން ޔޫކްރޭނަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޔޫކްރޭނުގެ އިރުމަތީގެ ދެ ސަރަހައްދެއްކަމަށްވާ ޑޮނެޓްސްކް އާއި ލުހަންކްސް އަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަނެ، އެ ދެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވާފައެވެ.

ރަޝިއާގެ މި ޢަމަލު އެމެރިކާ އާއި އީޔޫ އަދި އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަން ފަށާފައިވާއިރު، ރަޝިއާއިން ބޭނުންވަނީ ޔޫކްރޭން ނޭޓޯ އާ ނުގުޅުމަށެވެ. ނަމަވެސް ޔޫކްރޭނުން ވަނީ އެ ނިންމުމަކީ ޔޫކްރޭނާއި ނޭޓޯއާ ދެމެދު އޮތް ކަމެއްކަމަށް ބުނެފައެވެ.

comment ކޮމެންޓް