މަދަރުސަތުލް އިފްތިތާހުގެ މައްސަލަ މަޖިލިސް ކޮމިޓީއަށް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

މަދްރަސަތުލް އިފްތިތާހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސުކޫލުގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ 36 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ދިރާސާކުރަން ފޮނުވައިފައިވަނީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ މަދްރަސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް، އެ ތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާ ވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދިފައެވެ.

ގަރާރުގައި 18 ކަމެއް ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ސުކޫލު އާ އިމާރާތަށް ކަރަންޓް ލެވިފައިނެތުމާއި ފަރްނީޗަރު މަދުވުމާއި ސުކޫލުގައި ބޭނުން ކުރާ ގޮނޑި މޭޒުތައް ފަދަ ތަކެތި ހަލާކުވެ، ދަރިވަރުންނާއި ޓީޗަރުންނަށް ގެއްލުން ވުން ފަދަ ކަންކަން ހިމެނެއެވެ.

ހަމައެހެންމެ ސުކޫލުން ޕްރިންޓު ކުރެވެން ނެތުމާއި، އިންޓަނެޓު ނުލިބުމާއި ސައިންސް ލެބެއް ނެތްތާ ތިން އަހަރުވެފައިވާ ވުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ.

ގަރާރު ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް މަދުރަސާ ކަމަށް ވާއިރު، އެ ތަނަށް ދިމާވެފައިވާ މައްސަލަތަކުގެ ނޭދެވޭ އަސަރު ސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކުރަމުން އަންނަ ކަމަށެވެ. އަދި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ކުދި މައްސަލަތަކެއް ނަމަވެސް އެއީ ކޮންމެހެން ހައްލު ކުރަން ޖެހޭ ކަމެއް ކަން ވެސް ފާހަަގަކުރެއްވިއެވެ.

ގަރާރުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވެސް ވަނީ އެ ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް