ކެނެޑާގައި މުޒާހަރާ ރޫޅައިލުމަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކުރަނީ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ---

ކޮވިޑް އުސޫލުތަކާ ދެކޮޅަށް ކެނެޑާގައި ކުރިއަށްގެންދާ 'ފްރީޑަމް ކޮންވޯއި' ހުއްޓުވުމަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކުރަން ފަށައިފިއެވެ.

ކެނެޑާގެ ފުލުހުން ބުނީ މިފަދަ ނިންމުމެއް ނިންމާފައިވަނީ އެތައް ފަހަރެއްގެ މަތިން އިންޒާރުދިނުމަށް ފަހުގައި ކަމަށެވެ.

ކެނެޑާގެ ފްރީޑަމް ކޮންވޯއިގެ ސަބަބުން އެ ގައުމުގެ އޮޓާވާ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ވަނީ މުޒާހަރާގެ ބައިވެރިންނަށް އިންޒާރުދެއްވާފައެވެ.

ކެނެޑާގެ ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގައި، ފުލުސް އޮފިސަރުންނަށް ހަމަލާދޭން ފެށުމުން މުޒާހަރާ ރޫޅައިލުމުގެ އުކުޅުތައް ބޭނުންކުރަން ފެށީ ކަމަށެވެ.

ފުލުހުން ވަނީ މި މުޒާހަރާގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަދި ވަގުތުން ވަގުތަށް މުޒާހަރާ ހުއްޓާލުމަށް ގޮވާލާފައެވެ.

ކެނެޑާގެ ފުލުހުން މުޒާހަރާ ހުއްޓުވުމަށް ނުކުމެފައިވާއިރު، ކުރިއާ އަޅާބަލާއިރު މުޒާހަރާގެ ބައިވެރިންގެ ޢަދަދު މިހާރު ވަނީ މަދުވެފައެވެ.

ކެނެޑާގައި ޖެނުއަރީ މަހުން ފެށިގެން ފްރީޑަމް ކޮންވޯއިގެ ނަމުގައި ބޮޑު އިހުތިޖާޖެއް އަންނަނީ ކުރަމުންނެވެ.

މި އިހުތިޖާޖު ފެށިފައިވަނީ ކެނެޑާއާއި އެމެރިކާ ބޯޑަރު ހުރަސްކޮށް ދުއްވާ ޓްރަކް ޑްރައިވަރުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަކުރި ކަމުގެ ލިޔުން ދައްކަންޖެހޭނެކަމަށް ކަނޑައެޅި ހިސާބުންނެވެ.

އެ މައްސަލަ ހޫނުވެ، ކެނެޑާގެ ޓްރަކް ޑްރައިވަރުން ބޮޑު އިހުތިޖާޖުތަކާއެކު މުޅި ގައުމު ހުއްޓުމަކަށް ގެނެސްފައެވެ.

comment ކޮމެންޓް