އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކޮށްފި

އައްޑޫ ސިޓީގައި ގާއިމްކުރި އޮޑިޓް އޮފީހުގެ ޑިޕާޓްމަންޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އޮޑިޓް އޮފީހުގެ އިސްވެރިންނާއި އައްޑޫގެ ކައުންސިލަރުން ---

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީކަންކަން ބަލަހައްޓާ އިންފޮމޭޝަން ސިސްޓަމްތައް އޮޑިޓްކުރުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އައްޑޫ ސިޓީގައި މިއަދު އައު ޑިޕާޓްމެންޓެއް ގާއިމްކޮށްފިއެވެ.

އައްޑޫގައި މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

މޭޔަރުގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި އެ ޑިޕާޓްމެންޓް ގާއިމްކުރެއްވިކަމަށްޓަކައި އޮޑިޓާ ޖެނެރަލްއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ މަގްޞަދުތައް ހާސިލްކުރުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންވެސް ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ދިނުމަށާއި ވިޔަފާރިތައް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި ގާއިމްކުރި އޮޑިޓް އޮފީހުގެ ޑިޕާޓްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަކަފުޅު ދައްކަވަނީ ---

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، ސަރުކާރުގެ މާލީކަންކަން މިއަދު ބަލަހައްޓަމުން ގެންދަނީ އެސްއޭޕީ ޕަބްލިކް އެކައުންޓިން ސިސްޓަމްގައިކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ، ޚަރަދު، މިލްކިއްޔާތާއި ދަރަންޔާބެހޭ އެންމެހާ ރެކޯޑްތައް ބަލަހައްޓަމުންދާ ސިސްޓަމްތަކުގެ ޑޭޓާ އިންޓެގްރިޓީ، ސިސްޓަމް ކޮންޓްރޯލްތަކާއި އެސިސްޓަމްތަކުން ޖެނެރޭޓްކުރާ ރިޕޯޓްތަކުގެ ސައްޙަކަން ދެނެގަތުމަށްޓަކައި އެސިސްޓަމްތަކުގެ އޮޑިޓްތައް މިއަދު ކުރަންޖެހިފައިވާ ކަމަށެވެ.

އިންފޮމޭޝަން ސިސްޓަމް އޮޑިޓް ޑިޕާޓްމެންޓް އައްޑޫ ސިޓީގައި ގާއިމްކުރީ އޮޑިޓްކުރުމުގެ ޚިދުމަތްތައްވެސް ލާމަރުކަޒީ އުސޫލުން ކުރިއަށްގެންދިއުމަށް ދެވޭ އިސްކަމުގެ ސިޔާސަތުގެ ދަށުންނެވެ.

އައްޑޫ ސިޓީގައި ގާއިމްކުރި އޮޑިޓް އޮފީހުގެ ޑިޕާޓްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވާހަކަފުޅު ދައްކަވަނީ ---

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ 2015 ވަނަ އަހަރުގައި އައްޑޫ ސިޓީގައި ދެކުނު ސަރަހައްދީ އޮފީހެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި އުތުރު ސަރަހައްދީ އޮފީހެއްވެސް ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް