ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހަށް ޖަލަށް ލައިފައިވާ، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު ޢަލީ (އަޑުބަރޭ)އާ މެދު އިތުރު ފިޔަވަޅު އަޅައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި އަސްހަދަށް ކޯޓުން ފިޔަވަޅު އެޅީ، ބުނި މުއްދަތުގައި ޢަލީ ރާއްޖެ ވަޑައިނުގަތް މައްސަލަ ބެލުމަށް ފަހުގައެވެ.
މިމަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމަކަށް އަސްހަދު ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ކަނޑައަޅައި އޭނާއަށް ވަނީ 15 ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި ހުކުމް އިއްވިއިރު އޭނާ ރާއްޖޭގައި ނެތުމުން އޭނާ ހޯދުމަށް ކަރެކްޝަންސްއިން ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
ޢަލީ ވަހީދު މިހާރު ދިރިއުޅުއްވާ އިނގިރޭސިވިލާތުން ރޭ އަސްހަދު ރާއްޖެ އައުމާއެކު، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ވަނީ ޖަލަށް ލައިފައެވެ.
ކޯޓުން ބުނި މުއްދަތުގައި ޢަލީ ރާއްޖެ ވަޑައިނުގަތުމުން ޖާމިނުވި އަސްހަދާ މެދު އަދި ފިޔަވަޅެއް ނާޅައެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަޙްމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ ޖާމިނުވުމާ ހިލާފުވެފައިވާ މައްސަލާގައި އަސްހަދާމެދު ފިޔަވަޅު އަޅައި ދިނުމަށް އަނެއްކާވެސް ކޯޓުގައި އެދެން ނިންމާފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ ދައުވާތައް އުފުލުމާއެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޢަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.
އަސްހަދު ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން ޢަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.
އެއާއެކު ޢަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.
ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް ޢަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.