ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލި މައްސަލާގައި ހިމެނޭ ދެ މީހަކު ދޫކޮށްލައިފި

ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލާފައި ---

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު މިލަދޫ ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖެހުމަށްފަހު އަނެއް ދެ މީހުން ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.

ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލީ ޑްރަގް ވިއްކަން އުޅުނު މީހަކު ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސައިކަލްގައި ރޯކޮށްލުމުގެ ކުރިން އެ ފުލުސް މީހާއަށް އެންމެ ފުރަތަމަ ދިނީ ބިރުދެއްކުމުގެ ގޮތުން އިންޒާރެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރޯކޮށްލި ސައިކަލް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިޔަށް ވެފައެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ގެއެއްގެ ތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެކެވެ. އެއަށްފަހު މޫނު ނިވާ ކޮށްގެންހުރި މީހަކު ބޭރުން އައިސް އެގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު އެތަނުގައި ހުރި ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރު ފެނެއެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.

comment ކޮމެންޓް