ގައުމީ ޓީމަށް ނޫރާ ޖަހައިިދިން ފުރަތަމަ ލަނޑާއެކު ރާއްޖޭން ސީޝެލްސް ބަލިކޮށްފި

ލަނޑުޖެހުމަށްފަހު ނޫރާ އުފާފާޅުކުރަނީ -- ފޮޓޯ/ އެފްއޭއެމް

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުޅެވޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެއިން ސީޝެލްސް ބަލިކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފަށައިގެން ސީޝެލްސް އިން ދިޔައީ ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަމަވެސް ސީޝެލްސްއަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެެއް ނުވެއެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ސީޝެލްސްގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރާއްޖެއަށް ލަނޑު ޖަހައިދިނީ މަރިޔަމް ނޫރާއެވެ.

ނޫރާގެ ލަނޑަށްފަހު ރާއްޖެއިން ވަރަށް ބޮޑަށް ކުޅުމުގެ ތެރެއަށް ވަދެ ސީޝެލްސްއަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރިއެވެ. ރާއްޖެއިން ދިޔައީ ސީޝެލްސްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުންނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ރާއްޖޭގެ އައިޝަތު ޝިއުނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ދަނޑުމަތީގައި ފަރުވާދިނުމަށްފަހު، އަށިގަނޑުގައި ދަނޑުން ބާލާފައެވެ. އަދި އޭނާގެ ބަދަލުގައި އައިޝަތު ރަވީނާ ވަނީ ކުޅެން އަރާފައެވެ.

ރާއްޖެއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 23 ވަނަ މިނެޓުގައި ތީބާ ފޮނުވާލި ބޯޅަ އަމާޒުވީ ސީޝެލްސްގެ ކީޕަރުގެ އަތަށެވެ.

މެޗުގެ 24 ވަނަ މިނެޓުގައި މެޗުގެ ފުރަތަަމަ ކޯނަރު ލިބުނީ ރާއްޖެއަށެވެ. ކޯނަރުގައި ނަގައިދިން ބޯޅައެއް ތީބާ ފޮނުވާލި ނަމަވެސް ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ރާއްްޖޭގެ ޝާލިޔާ އަށް ވަނީ ލީޑު ފުޅާކުރުމަށް ތަނަވަސް ފުރުސަތެއް ލިބިފައެވެ. ސީޝެލްސްގެ ގޯލު އޭރިޔާތެރެއިން އެ ޓީމުގެ ކީޕަރުގެ ބޯ މަތިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.


ފުރަތަމަ ހާފު ނިމުނީ 1-0 އިން ރާއްޖެއިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ޝީސެލްސްއިން ރާއްޖޭ ކޮޅަށް ދެ ހަަމަލާއެއް އުފެއްދިއެވެ. އެ ޓީމުގެ ނަތާޝާ ބިބީ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ލީޒާ ވަނީ މަތަކޮށްފައެވެ.

ސީޝެލްސް އިން ހަމަލާތަކެއް އުފެއްދި ނަމަވެސް، ރާއްޖޭގެ ޑިފެންޑަރުންގެ ހުށިޔާރުކަމާއެކު ހަމަލާތައް ހުއްޓުވިއެވެ. ފުރަތަމަ ހާފެކޭ އެއް ގޮތަށް މި ހާފުގައިވެސް ރާއްޖެއިން ކުޅުން ރަނގަޅު ކުރިއެވެ.

ރާއްޖޭގެ ރިފާ އަދި ޝާލިޔާ ވަނީ ދެ ހަމަލާއެއް ފޮނުވާލާފައެވެ. ސީޝެލްސް ކުޅުންތެރިއެއްގެ ކައިރިން ނައްޓައި ރިފާ ފޮނުވާލި ބޯޅަ ސީޝެލްސްގެ ކީޕަރު ދިފާއު ކުރިއެވެ. ޝާލިޔާ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ސީޝެލްސްގެ ޑިފެންޑަރެކެވެ.

މިރޭގެ މޮޅަކީ ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ އަތުން މޮޅުވި މެޗަށް ފަހު މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

އެ މެޗުގެ ފަހުން އަންހެން ޓީމު ކުޅެފައިވަނީ ދެ މެޗެކެވެ. އެއީ މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗެވެ.

ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ދެވަނަ މެޗުގައި ވެސް ރާއްޖެ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރެވެ.

comment ކޮމެންޓް