2019ގައި ނޫމަރާ ފަރަށް އެރި ބާޖުގެ ޖޫރިމަނާ ދައްކައިފި

ދެހާސް ނަވާރަ ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖެއް، ޖޫރިމަނާގެ ގޮތުގައި 61 މިލިއަން ރުފިޔާ ދައްކާ ހަލާސް ކޮށްފިއެވެ.

"މެރިން ޕަވާ 2317" ނަމަކަށް ކިޔާ ބާޖު ނޫމަރާ ފަރަށް އެރީ އޮކްޓޯބަރު 26، 2019 ގައެވެ.

އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ، އެ ފައިސާ ލިބިފައިވާ ކަމަށް މީގެ ދެތިން ދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އީޕީއޭއަށް އަންގާފައިވާ ކަމަށެވެ.

އީޕީއޭއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގަވައިދުގެ ދަށުން، ބާޖުގެ ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް، ބާޖުގެ ދިވެހި އެޖެންޓު ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބައިތައް ނަގައި ނިމުމުން، ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް އީޕީއޭއިން ސާވޭ ކުރި ކަމަށެވެ. އެގޮތުން 1632 އަކަމީޓަރު ސަރަހައްދަކަށް ސީދާ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބައިތައް ނެގުމުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް އީޕީއޭއިން ބުންޏެވެ.

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖެއް ވެސް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ށ. ނޫމަރާ ފަރަށް އަރާފައެވެ.

comment ކޮމެންޓް