އިކޮނޮމިކް މިނިސްޓްރީން ޔޫއެންޑީޕީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަތަރު ދާއިރާއަކުން އެއްބާރުލުން ދިނުމަށް، އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒް އިސްމާޢީލެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ޕްރޮގުރާމުގެ މަންދޫބު އެންރީކޯ ގަވޭގްލިއާއެވެ.

މި އެމްއޯޔޫގައި އެއްބާރުލުމަށް އެއްބަސްވި ދާއިރާތަކަކީ:

  • ޑޭޓާ މެނޭޖްމެންޓު ހަރުދަނާ ކުރުމާއި، އިގްތިސާދީ ލަފާ ސަރުކާރަށް ދިނުން
  • މޫސުމީ ބަދަލުތަކާ ގުޅޭ އިންވެސްޓްމެންޓް ފުރުސަތުތައް ހޯދާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ އިންވެސްޓްމެންޓް މެޕްތައް އެކުލަވާލުން
  • ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން އިގުތިސާދު ސިިންދަފާތު ކުރުމަށާއި ކަނޑަށް ބަރޯސާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  • އަންހެން ވިޔަފާރިވެރިންނަށާއި، އަންހެނުންގެ ކޮމިޓީތަކާއި، ޒުވާން ލީޑަރުންނަށް ޒަމާނީ ވިޔަފާރިތައް ބިނާކުރުމަށާއި، މޫސުމީ ބަދަލުތަކަށް ވިލުންވެރި ވިޔަފާރީގެ މޮޑެލްތައް އެކުލަވާލުމަށް އެހީވުން.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން "ގަވަމެންޓް އިނޮވޭޝަން ލެބް" ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެ ލެބުގެ ބޭނުމަކީ ސިޔާސަތު އެކަށައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުގެ އެކި ހިސާބުތަކުގައި އެބަހުރި ބައިވަރު މައުލޫމާތު އެއްކުރެވިފައި. އެކަމަކު އެ އެއްޗިހި ބޭނުމެއް ނުކުރެވޭ. އަޅުގަނޑު ގަބޫލުކުރަނީ މި މަސައްކަތަކީ އެ ކަމުގެ ހައްލެއް ކަމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން ފައްޔާޒް ވަނީ އިތުރު ދާއިރާތަކުން ލިބެން ހުރި އެހީތެރިކަމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފައެވެ.

ޔޫއެންޑީޕީގެ މަންދޫބު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫއަކީ ކޮވިޑުގެ ދަތިކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދޭ އެހީތެރިކަމެއް ކަމަށެވެ.

ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަޅުގަނޑުމެން ބޭނުން މި ބަލިމަޑުކަމުން އަރައިގަނެ، ގައުމު ހިނގާކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭން،" ގަވޭގްލިއާ ވިދާޅުވިއެވެ.

ސަތޭކަހަތްދިހަ އަށްވުރެ ގިނަ ގައުމުތަކުގައި ފަގީރުކަން ނައްތާލުމާއި، އިގްތިސާދީ ކުރިއެރުމަށްޓަކައި މަސައްކަތްކުރާ އދ ގެ ޖަމިއްޔާ، ޔޫއެންޑީޕީން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިވެފައެވެ.

comment ކޮމެންޓް