އިސްލާމީ މަރުކަޒުގައި ހުރި މައުމޫންގެ ލިޔުއްވުންތައް މަރާމާތު ކުރަނީ

އިސްލާމީ މަރުކަޒުގެ މިހުރާބުގޭގައި މައުމޫން ލިޔުއްވާފައިވާ ލިޔުއްވުން: އެ ލިޔުއްވުން މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައި-- ފޮޓޯ: ހަސަން ޝާކިރު

މީގެ 38 އަހަރު ކުރިން މާލޭގައި އިމާރާތް ކޮށްފައިވާ އިސްލާމީ މަރުކަޒުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަތުލިޔުމުން ލިޔުއްވާފައިވާ ލިޔުއްވުންތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ މިހުރާބުގޭގައި ބަހައްޓާފައި ހުރި ލިޔުންތަކުގެ ތެރެއިން ނޫކުލައިގެ ފިލާގަނޑެއްގައި ހަރުކޮށްފައިވާ ލިޔުންތަކަކީ މައުމޫންގެ އަތުލިޔުއްވުންތަކެވެ.

އެ ލިޔުންތައް ބާވެ، ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަކުރުތަކުގެ އިތުރުން އެ ނޫކުލައިގެ ފިލާގަނޑުގެ ބައެއް ބައިތައް ހުރީ ނެއްޓިފައެވެ.

މިހާރު އެ ސަރަހައްދު ހުދު ފޮތިގަނޑަކުން ނިވާކޮށް، މަރާމާތުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ މަރާމާތަށް ފަހު ވެސް ހަރުކުރާނީ މައުމޫންގެ ލިޔުއްވުންތައް ކަމަށެވެ.

"ހަމަ އެ އަކުރުތައް ހަރުކުރާނީ މަރާމާތަށް ފަހު. މަރުކަޒުގެ އެހެން ހިސާބުތަކުގައި ހުރި ލިޔުންތައް ވެސް މީގެ ކުރިން ވާނީ މަރާމާތު ކޮށްފައި،" އަފްރާހް ވިދާޅުވިއެވެ.

އެ ނޫކުލައިގެ ފިލާގަނޑުގައި ރަން ކުލައިގެ އަކުރު ތަކަކުން ލިޔެފައި ވަނީ ފާތިޙާ ސޫރަތާއި ކުރުސީގެ އިތުރުން ނަމާދާ ބެހޭ އާޔަތެކެވެ.

ގިނަ އަހަރުތަކެއް ވެފައިވާ އިސްލާމީ މަރުކަޒަކީ ބޭރުގެ ގިނަ އިސްލާމީ ގައުމުތަކެއްގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި މިސްކިތެކެވެ. ނަމާދު ކުރުމުގެ އިތުރުން ޖަލްސާތައް ބޭއްވުމާއި އިސްލާމިކް މިނިސްޓްރީއާއި ލައިބްރަރީ ހިންގުމަށް ވެސް އެ އިމާރާތް ބޭނުން ކުރެއެވެ.

comment ކޮމެންޓް