ބޮޑީ ކެމެރާގެ ސަބަބުން ފުލުހުން މިހާރަށްވުރެ ޒިންމާދާރުވާނެ: ޝައުނާ

ފުލުހުންގެ ބޮޑީ ކެމެރާ އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ

ބޮޑީ ކެމެރާގެ ސަބަބުން ފުލުހުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީ ވާނެ ކަމަށް މިނިސްޓާ އޮފް އެންވައިރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރީ މިއަދުއެވެ.

ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ބޮޑީ ވޯން ކެމެރާ އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، ޑިމޮކްރަޓިކް ނިޒާމު ދެމިއޮތުމަށާއި އެ ނިޒާމު ދެމެހެއްޓުމަށް ފުލުހުންގެ ދައުރު މުހިންމު އިރު، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ފުލުހުންނަށް ބޭނުންވާ ތަމްރީނުދީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފޯރުކޮށްދީ، ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ މުއައްސަސާއަކަށް ހެދުމަށް ކުރަން ހުރި ކަންތައްތައް ވަރަށް ގިނަ ކަމަށް ޝައުނާ ފާހަގަ ކުރެއްވިއެވެ.

"މިއީ ޕޮލިސް ރިފޯމްކޮށް، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ވަސީލަތެއް. މިކަމުގެ ސަބަބުން ފުލުހުންނަކީ ޒިންމާދާރު އަދި ޖަވާބުދާރީވާ ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" ޝައުނާ ވިދާޅުވިއެވެ.

ހާއްސަކޮށް، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން، ކުށްކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރެވި، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުން އަވަސްވާނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ފުލުހުންގެ ބޮޑީ ކެމެރާ އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ

މީގެ އިތުރުން ޝައުނާ ވިދާޅުވީ، މިއީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ފުލުހުންނާ މެދު ކުރެވޭ ޝަކުވާތަކުން ބަރީއަ ވުމަށްވެސް ލިބިގެންދާނެ އެހީތެރިކަމެއް ކަމަށެވެ.

ބޮޑީ ވޯން ކެމެރާ ބޭނުންކުރާ ހާދިސާތަކުގައި ފުލުހުންވެސް އަދި އާއްމުންވެސް އަމަލުތައް ބަހައްޓާގޮތް ރަނގަޅުވާކަން ދިރާސާތަކުން ދައްކާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާ ތައާރަފްކުރީ 200 ކެމެރާއާއެކު މާލެ އާއި އައްޑޫގައެވެ. ކުރިއަށް އޮތް ތާނގައި އިތުރު 1200 ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް، މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ފުލުހުންގެ ހުރިހާ ސަރަހައްދެއްގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

comment ކޮމެންޓް