ޗެއާޕާސަންގެ ދައުރުގައި ހަސަން ކޮށްދެއްވި ޚިދުމަތަށް އެމްޑީޕީގެ ޝުކުރު!

--- ސަން ފޮޓޯ: އަހްމަދު އަވްޝަން

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ހިދުމަތްތަކަށް އެ ޕާޓީން ޝުކުރު ދަންނަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަސަން ލަތީފް، ހަވާލުވެވަޑައިގަތީ ފެބްރުއަރީ 12، 2017 ވަނަ ދުވަހުއެވެ.

ހަސަންގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވައިގެން ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅާއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަސަން ހުންނަވައިގެން އެ މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

މީގެ އިތުރުން އިދާރީ މަގާމުތަކުގައި ތިއްބޭ މުވައްޒަފުންގެ މެދުގައި މަސްލަހަތު ހިފެހެއްޓެވުމަށް ޓަކައި އަދާކުރެއްވި ޒިންމާއިން ފަށައިގެން ޕާޓީގެ އެކިއެކި ގުނަންތައް ވަރުގަދަ ކުރުމާއި މެމްބާޝިޕް އިތުރުކުރުމާއި އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ނަގަހައްޓައި ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"މިދިޔަ ސަރުކާރުގެ ހުދުމުހުތާރު އަނިޔާވެރިކަމުގެ ތެރޭގައި ވެސް މި ޕާރޓީ ރުކުރުވާލައި، ސިޔާސީ ހަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާސަންގެ ހައިސިއްޔަތުން އެމަނިކުފާނު ލީޑާޝިޕް ދައްކުވައިދެއްވާފައިވޭ،" އެމްޑީޕީން ބުންޏެވެ.

"ހަސަން ލަތީފުގެ ޗެއާޕާސަންކަމުގެ ދަށުން، މި ޕާރޓީގެ އެންމެ މުހިއްމު އެއް މަގްސަދު ކަމުގައިވާ އެކިއެކި ގައުމީ އިންތިހާބު ތަކަށް މި ޕާޓީގެ ފަރާތުން ވާދަކޮށް ހުރިހާ އިންތިހާބެއް މި ޕާރޓީއަށް ކާމިޔާބުކޮށްދެއްވާފައިވާކަން ފާހަގަކުރަން،"

އިތުރަށް އެމްޑީޕީން ބުނީ ހަސަން ލަތީފުގެ އިހްލާސްތެރި ހިދުމަތްތަކަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި އޭނާއަށް އިތުރު ކާމިޔާބަށް އެދޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް