ޓްރިޕޮލީ (11 ފެބްރުއަރީ 2022): ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައިވާ ލީބިޔާގައި ސުލްހަ އާއި އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި އދ. ން ކުރިޔަށް ގެންދާ މަސައްކަތްތައް ނާކާމިޔާބުވެ ލީބިޔާގައި އަނެއްކާވެސް ދެވަނަ ސަރުކާރެއް އުފެދިއްޖެއެވެ.
ދެވަނަ ސަރުކާރުގެ ބޮޑުވަޒީރަކީ ލީބިއާގައި ދާޚިލީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ އުމުރުފުޅުން 59 އަހަރުގެ ފަތުޙީ ބާޝާޣާއެވެ. ލީބިޔާގައި ދެވަނަ ބޮޑުވަޒީރަކާއެކު ދެވަނަ ސަރުކާރެއް އުފެދިގެން މިދިޔައީ ލީބިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމުގައި މިދިޔަ ޑިސެމްބަރުމަހު ޕާލަމެންޓްރީ އިންތިޚާބަކާއި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވާގޮތަށް އެދެ އިންތިޚާބު ކުރިޔަށް ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިދެ އިންތިޚާބު ބޭއްވޭގޮތްނުވީ އިންތިޚާބެއް ބާއްވައިގެން ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާނެ ޝަރުއީ ސަރުކާރަކާއި ޕާލަމެންޓެއް ހޮވައިފިނަމަ މިހާރު އިންތިޚާބަކާނުލައި ލީބިޔާގައި ވެރިކަންކުރާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންނަށް އެފުރުސަތު ގެއްލޭނެތީ އެފަރާތްތަކުގެ ބާރާއި ނުފޫޒުން އެކިއެކި ހުއްޖަތްތައް ދައްކައިގެން އިންތިޚާބު ބޭއްވިޔަ ނުދިނުމުންނެވެ.
ލީބިޔާގެ ބޮޑުވަޒީރެއް ކަމަށްވާ ޑރ. އަބްދުލްހަމީދް އައްދަބީބާ
އިންތިޚާބު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސީ އެކަމަށްޓަކައި އދ. ގެ ބެލުމުގެ ދަށުން ލީބިޔާގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައިގެން މިދިޔަ އަހަރު އެކުލަވާލި އިންތިގާލީ ސަރުކާރުންނެވެ. އެސަރުކާރުގެ ބޮޑުވަޒީރަކީ ޑރ. އަބްދުލްހަމީދު އައްދަބީބާއެވެ. އދ. ގެ މަސައްކަތުން ލީބިޔާގެ ދާޚިލީ ހަނގުރާމަވެސް މިދިޔަ އަހަރު ނިމުމަކަށް ގެނެވުނެވެ.
ނަމަވެސް ނުފޫޒު ގަފަ ފަރާތްތަކުން ދެއްކި އެކި ސަބަބުތަކާ ގުޅިގެން އިންތިޚާބު ކެންސަލް ކުރުމުން އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު ޑރ. ދަބީބާ ވަނީ އަލުން އިންތިޚާބެއް ބޭއްވެންދެން އޭނާގެ އިންތިގާލީ ސަރުކާރު ދެމިއޮންނާނެކަމަށް ވިދާޅުވެ މަގާމު ދިފާއު ކުރައްވާފައެވެ. ދަބީބާ މިގޮތަށް ނިންމެވި ނަމަވެސް އާ ވާދަވެރި ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކާ އަދި މުއްދަތު ހަމަވެފައިވާ ލީބިޔާގެ ޕާލަމެންޓުން ބުނަނީ ދަބީބާގެ ސަރުކާރުގެ ޝަރުއިއްޔަތު މިހިސާބުން ނިމުނީ ކަމަށާ ދެން އިންތިޚާބު ބާއްވަންޖެހޭނީ އިންތިގާލީ އައު ސަރުކާރެއްގެ ބެލުމުގެ ދަށުންކަމުގައެވެ.
މިއާއެކު ލީބިޔާގައި އޮންނަ މުއްދަތު ހަމަވެފައިވާ ޕާލަމެންޓުންވަނީ އިންތިގާލީ އައު ސަރުކާރެއް އުފެއްދުމަށް ގޮވާލާ ގަރާރެއް ފާސްކޮށް އެ ސަރުކާރުގެ ބޮޑުވަޒީރަކީ ލީބިއާގައި ދާޚިލީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ފަތުޙީ ބާޝާޣާ ކަމަށް ނިންމާފައެވެ. ފަތުޙީ ބާޝާޣާ އަކީ ލީބިޔާގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ލީޑަރުންނަށްވުރެ ބާރާއި ނުފޫޒު ބޮޑު ބޭފުޅެކެވެ.
ބާޝާޣާ ގެ ސަރުކާރު ވުޖޫދަށް އައިނަމަވެސް މިހާތަނަށް އޮތް އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު ޑރ. އަބްދުލްހަމީދު އައްދަބީބާ ވަނީ މަގާމު ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވައި ލީބިޔާގައި އިންތިޚާބެއް ބާއްވައި ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓަކާއި ރައްޔިތުން މަތްސީލްކުރާ ރައީސަކު އިންތިޚާބު ކުރެވެންދެން މަގާމުގައި ދެމިހުންނަވާނެކަމަށް ވިދާޅުވެފައެވެ.
ޑރ. އަބްދުލްހަމީދު އައްދަބީބާ އަވަހާރަކޮށްލުމަށް އިއްޔެ ދިން ހަމަލާއިން އޭނާވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. ދަބީބާއަކީ ލީބިޔާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަކީ ސިޔާސީގޮތުންނާއި ގަބީލާގެ ބާރުވެރިކަމުގެ ގޮތުންވެސް ނުފޫޒު ގަދަ ބޭފުޅެކެވެ.
ލީބިޔާގައި ސުލްހަ އާއި އެއްބައިވަންތަކަން ގާއިމް ކުރުމުގެ މަސައްކަތް އދ. ން ފެށުމުގެ ކުރިންވެސް ލީބިޔާގައި ދެ ސަރުކާރު އޮތެވެ. ނަމަވެސް އެދެ ސަރުކާރު އުވާލައި އިންތިގާލީ އައު ސަރުކާރެއް އެކުލަވާލައި އިންތިޚާބުތައް ބޭއްވުމަށް ތާވަލު ކަނޑައެޅުމުގައި އދ. ވަނީ ކާމިޔާބު ހޯދާފައެވެ. ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ ބަރާއި ނުފޫޒު ގެއްލޭނެކަމަށް ދެކޭ ފަރާތްތަކުންވަނީ އެމީހުން އަޑީގައި ތިބެގެން އިންތިޚާބު ބޭއްވިޔަ ނުދީފައެވެ.
ލީބިޔާއަކީ ކުރިން ދާޚިލީ އެއްބައިވަންތަކަމާއެކު ހިނގަމުން ދިޔަގައުމެކެވެ. އެގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި ގައުމުގައި ދާޚިލީ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރު ލީބިޔާގެ ރައްޔިތުންގެ ބަޔަކު އެގައުމުގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ސަރުކާރާ ދެކޮޅަށް އުތުރިއެރުމާ ގުޅިގެން އެކަމުގެ ތެރެއަށް ހުޅަނގުގެ މަދަދު ލިބޭ ލިބިޔާގެ އިދިކޮޅު ފަރާތްތައް ވަނުމާ އެކު އުފެދުނު ގަޑުބަޑުތަކުގައި ގައްޒާފީ އަވަހާރަކޮށްލައި އޭނާގެ ސަރުކާރު ވައްޓާލުމާ ގުޅިގެންނެވެ.
ގައްޒާފީ އަވަހާރަކޮށްލީ ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯވެސް ދަނޑިވަޅު ބަލާފައި މިގަނޑުބަޑުތަކުގެ ތެރެއަށް ޣައިރު ގާނޫނީ ގޮތެއްގައި ވަދެ ވައިގެ މަގުން ބޮންއެޅުންފަދަ އަނިޔާވެރި ލާއިންސާނީ އިސްތިއުމާރީ އަމަލުތަކެއް ހިންގުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފަރަންސޭސިވިލާތާއި އެމެރިކާފަދަ ނޭޓޯއަށް ނިސްބަތްވާ ގައުމުތަކުންވަނީ އެދުވަސްވަރު ލީބިޔާގެ ވައިގެ ސަރަހައްދަށް ގަދަބާރުން ވަދެގަނެ ގައްޒާފީގެ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް އެތަށް ފަހަރަކު ބޮންއަޅާފައެވެ.