ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް 11 ގޯލު ޖަހައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން ވަަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، އެ މެޗުގައި ޔޫވީ އަތުން މޮޅުވީ 11-0ގެ ނަތީޖާއަކުންނެވެ.
މާޒިޔާ އިން މެޗު ފެށީ ވެސް ވަރުގަދަ އެޓޭކިން ކުޅުމަކާއެކުއެވެ. މާޒިޔާގެ އެޓޭކް ހުއްޓުވުމަށް ޔޫވީން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާގެ ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދައިދިނީ ބިދޭސީ ކުޅުންތެރިޔާ ޓޮމަކީ ވަޑާއެވެ. އެ ގޯލަށްފަހު ދެން ފެނިގެންދިޔައީ މާޒިޔާގެ ވޮޖިސްލާވް ބަލަބަނޮވިޗްގެ ދެ ގޯލެވެ. އޭނާގެ ފުރަތަމަ ގޯލު މެޗުގެ 32 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ގޯލު ފެނިގެންދިޔައީ އޭގެ ހަ މިނެޓު ފަހުންނެވެ.
މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ތިން ގޯލު ކާމިޔާބުކޮށްފައެވެ. އެ ތިން ގޯލު ވެސް ފެނިގެންދިޔައީ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މާޒިޔާގެ ހަތަރުވަނަ ގޯލު ހަސަން ރާއިފް އަހުމަދު (ހަންނަ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށް ބަލަބަނޮވިޗް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މާޒިޔާގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 6-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މާޒިޔާ އިން ހަތަރު ގޯލެއް ޖެހިއެވެ. އޭގެ ތެރެއިން ދެވަނަ ހާފު ފެށިތާ ނުވަ މިނެޓު ތެރޭ ފެނުނު ގޯލަކީ ޔޫވީގެ ގޯލްކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާޒިޔާގެ ފަހު ހަތަރު ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ލީގުގައި އިއްޔެ ހަވީރު ވެސް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗުގައި ކްލަބު އީގަލްސް އިން ވަނީ 2-1ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގެ 39 ވަނަ މިނެޓުގައި އީގަލްސްއަށް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފު ފެށިތާ ނުވަ މިނެޓުގެ ތެރޭ ޒަޔާން ނަސީރު ވަނީ ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އީގަލްސްއަށް އަލުން ލީޑު ހޯދައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
ލީގުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ބުރު ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ. ނަމަވެސް ލީގުގެ ބާކީ ހުރި މެޗުތައް ނުކުޅުމަށް ގްރީން ސްޓްރީޓްސް އިން ނިންމާފައިވުމާ ގުޅިގެން އެ މެޗު ބުރު ސްޕޯޓްސްއަށް ލިބިގެންދާނެއެވެ.