ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ފ. ނިލަންދޫގައި ކުޅެން ނިންމައިިފި

ފ. ނިލަންދޫގައި ސަރުކާރުން ގާއިމުކޮށްފައިވާ ޓާފު ދަނޑު -- ފޮޓޯ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށް ގެންދާ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފު ދަނޑުގައި ކުޅޭ ގޮތަށް ނިންމައިފިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ފައިނަލް މެޗު ކުޅުމުގެ ކުރިން އެފްއޭއެމްގެ ޓީމަކުން އެ ރަށަށް ދަތުރުކޮށް އިންސްޕެކްޝަނެއް ހަދާފައިވާކަމަށެވެ.

ދަނޑުގެ އިންސްޕެކްޝަނާއި އެކޮމަޑޭޝަން އަދި އެހެނިހެން ކަންކަމަށް ބެލުމަށްފަހު މިހާރު ފ. ނިލަންދޫގައި ފައިނަލް މެޗު ކުޅުމަށް ނިންމާފައިވާކަމަށް ޖަވާ ވިދާޅުވިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ކުޅުމަށް ތާވަލްކޮށްފައިވާ ފައިނަލްގެ ފުރަތަަމަ ޖާގަ މިއަދު ހަވީރު އީގަލްސްއިން ހޯދިއިރު، އީގަލްސްއާ ދެން ވާދަކުރާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗަށް ފަހުއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އެވެ.

މި ސަރުކާރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ޓާފު ދަނޑުތައް އަޅަމުން އަންނައިރު، ނިލަންދޫ ދަނޑަކީވެސް އޭގެ ދަނޑެކެވެ. އެ ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.

ނިލަންދޫއަކީ ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު ރަށެކެެވެ. ނިލަންދޫ އިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޑިވިޝަންގައި ވެސް ވާދަކޮށްފައެވެ.

ރާއްޖޭގައި ގާއިމުކުރެވޭ ޓާފު ދަނޑުތަކުގައި ގައުމީ ބޮޑެތި މެޗުތަކާއި ބައިނަލްއަގުވާމީ މެޗުތައް ކުޅުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ޔޫތު މިނިސްޓަރު މަހުލޫފް މީގެ ކުރިން ބުނެފައިވާއިރު، ދާދި ފަހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަަލް ރ. އަލިފުށީގައި ކުޅެފައެވެ.

comment ކޮމެންޓް