ދޫނިތައް މަރާލަން ނިންމި ނިންމުމުގެ ފަހަތުގައި ސަބަބުތަކެއް ވާނެ: ރައީސް ނަޝީދު

ރައީސް ނަޝީދު: --- ފޮޓޯ/ މަޖިލިސް

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލަން ނިންމި ނިންމުމުގެ ފަހަތުގައި ސަބަބުތަކެއް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފިޝަރީސް މިނިސްޓްރީން ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެއެވެ.

މިހާރު ގަވައިދުތައް ބުނާގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި ނައްތާލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގިނަ ބާރުތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެފަދަ ދިރޭ ތަކެތި މަރާލުމުގެ ހުއްދަ ވެސް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މަނުކުދޫ ދާއިރާއިގެ މެންބަރު މުހައްމަދު ރާއީ ވަނީ ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މެންބަރުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއީގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ 120 ދޫނި މަރާލި މައްސަލަައިގައި މެންބަރުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާނެ ކަމާމެދު ޝައްކެއް ނުއުފެދޭ ކަމަށެވެ.

މި މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތީން ކަން ފާހަގަކޮށް، ނަޝީދު ވިދާޅުވީ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށް އަދި ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނުވަތަ ގާނޫނުން ޖާގަ ދޭ ކަމަށެވެ.

ހަމައެހެންމެ އެތެރެ ކުރާ ދިރޭ ޖަނަވާރު ނައްތާލުމަށް ވެސް ގާނޫނުގައި ބުނެފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"މި ގަވައިދުގަ އެބަ ބުނޭ އެތެރެކުރާ ދިރޭ ޖަނަވާރު ނައްތާލުމަށް. މި ގަވައިދުގަ އެބަ ބުނޭ. ދެން ނައްތާލި ތަން އަޅުގަނޑުމެންނަށް ފެނުނީމަ އެ ކަމުގެ ހައިރާން ކަން އަަދި އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ،" ނަޝީދު ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން މަޑުއްވަރި ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވަނީ ގަވައިދުގައި އެފަދައިން އޮތް ނަމަވެސް، ދިވެހިން ތިމާވެއްޓަށް އުފެދިފައިވާ ލޯތްބާއި، ދިރޭ ތަކެއްޗަށް އޯގާތެރިވާން އިސްލާމް ދީނުގައި ވެސް ބާރު އަޅާފައި އޮންނަ ކަމަކަށް ވާއިރު، ކުއްލިއަކަށް މިހެން ދިރޭ ތަކެތި މަރާލެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ކަން މަޖިލީސް ތެރެއިން ބަލައި، ގާނޫނޫ ފަރުވާއެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އާދަމް ޝަރީފްގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ ގަވައިދަކީ 2008 ވަނަ އަހަރު އައު ގާނޫނު އަސާސީ އުފެދުމުގެ ކުރިން އެކުލަވައިލައިފައިވާ ގަވައިދެއް ކަމަށާއި، އެހެން ކަމުން އެއީ ވަރަށް ދުވަސް ވެފައި އޮތް ގަވައިދެއް ކަމަށެވެ.

އެ ގަވައިދުގައި ބޭނުންކޮށްފައިވާ ބަހުރުވައަކީ އެހެނިހެން މަނާތަކެއްޗާ މެދު އަމަލު ކުރާ ގަވައިދުގައި ވެސް ބަޔާންކޮށްފައިވާ ބަހުރުވަ ކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ ދިރޭ ފުރާނަ ނައްތާލުމުގައި އެ ގަވައިދުގައި ބުނެފައިވާ ގޮތާމެދު އަމަލުކުރާނަމަ އެކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"އެހެންނަމަވެސް ދިރޭ ފުރާނައެއް އެތެރެކޮށްފައި ވަނިކޮށް، އެ ފުރާނަ ނައްތާލުން އެއީ ކޮން ބާވަތެއްގެ ކަމެއްތޯއާ ގުޅޭ ގޮތުން އާދައިގެ މީހަކު ވެއްޖެއްޔާ ވިސްނާލާނެ، ރާއްޖެއަށް އެބަހުރި ލައްގައިފައިވާ ޕައިރެޓުންގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތްގޮތަށް، އަޅުގަނޑު ހަނދާންވާ ގޮތުގައި 2008 ވަނަ އަހަރު ސަރުކާރު ފެށުނުއިރުގައި 63 މީހުން ތިބި އެކި ގޮތްގޮތުން ރާއްޖެއަށް ލައްގައިފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެއަށް ލެއްގި މީހުންނާމެދު ގަވައިދުގައިވާ ގޮތަށް "ނައްތާލެވިފައި" ނުވާއިރު ދޫނިތައް މަރާލަން ނިންމި ނިންމުމުގައި ސަބަބުތަކެއް ވާނެ ކަމަށެވެ.

"މިފަހަރު މި ގޮތަށް މިކަން ކުރުމަށް މި ނިންމުނީކީ ސަބަބުތަކެއް އަޅުގަނޑު ހިތުން ވާނެ،" ނަޝީދު ވިދާޅުވިއެވެ.

މަރާ ނުލައި ފޮނުވާލަން ވެސް ލަފާ ދިނިން: އޭޖީ

މަރާލެވުނު ދޫނިތަކާ ގުޅޭގޮތުން އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން އިއްޔެ 'ސަން' އަށް ވިދާޅުވީ, އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް އެތެރެކޮށްގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް 'މިހާތަނަށްވެސް އަޅާފައިނުވާކަން އޭނާ ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި 'ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު' ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެމްބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވޭ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން މި އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވޭ," ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވިގޮތުގައި އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޭޖީ އޮފީހުން ލަފާ ދީފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

comment ކޮމެންޓް