ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް ބައްދަލުކުރާ މެޗުގައި އީގަލްސް ބަލިކުރަން އުނދަގޫވާނެ ކަމަށާއި، ނަމަވެސް ޓީސީ އިން އީގަލްސްއަށް ދޫނުދޭނެ ކަމަށް ޓީސީގެ ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފިއެވެ.
ސެމީ ފައިނަލް މެޗުގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އީގަލްސް އަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމާއި، އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ.
"އީގަލްސް އެކަންޏެއް ނޫން. މިހާރު ދެން އައިސްފައި ތިބި ހުރިހާ ޓީމުތަކަކީ ވެސް ވަރުގަދަ ޓީމުތަކެއް. އެހެންވީމާ މިއީ ބޮޑު ޗެލެންޖަކަށް ވާނެ. އީގަލްސް ބަލިކުރުމަކީ އެހާ ފަސޭހަކަމަށް ނުވާނެ. އީގަލްސްގެ ޓީމު ވަރަށް ޓަފް، އެ މީހުންގެ އެވަރޭޖް ހައިޓާ އެއްޗިސް އަދި ޑިފެންސް ލައިނާ އެއްޗިހި ވަރަށް ވަރުގަދަ. އެކަމަކު ޓީސީ ވެސް އޮތީ ރަނގަޅަށް ކުޅޭ ކަމުގައި ވަނީނަމަ އެ މީހުންނަށްވުރެ މާ ވަރުގަދައަށް ތައްޔާރުވެފައި،" ސަމްޕަތު ބުންޏެވެ.
މީގެ އިތުރުން ސަމްޕަތު ބުނެފައިވަނީ އެ ޓީމުގައި ހިމެނޭ ސީނިއާ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްތަކަށް ދޫކޮށްފައިވާތީ އެ ދަތިކަން ކޮންމެވެސް ވަރަކަށް ދިމާވިކަމަށެވެ. ޖުމުލަ ގޮތެއްގައި ޓީމުގެ ފަރިތަކުރުންތަކާއި ޓްރެއިނިންތައް ދިޔަ ގޮތާމެދު އޭނާ ހިތްހަމަޖެހޭކަމަށް ސަމްޕަތު ބުންޏެެވެ.
"ވަރަށް ރަނގަޅަށް ވަގުތު ލިބުނު. ބޭނުންވާ ވަރަށް. ބޭނުންވާ ވަރަށްވުރެ ވެސް އިތުރަށް ލިބިފައިހުރީ. އެޔަކަށް ނެތް މިފަހަރު އެއްވެސް އެއްޗެއް ބުނެވޭކަށް،" ފަރިތަކުރަން ލިބުނު ވަގުތުތަކާ ބެހޭ ގޮތުން ސަމްޕަތު ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ސަމްޕަތު ބުނެފައިވަނީ ގިނަ ކުޅުންތެރިންގެ ފަރާތުން އޭނާ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެންނަ ކަމަށެވެ. ނަމަވެސް ބައެއް ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަކަމަށެވެ. އަދި އޭނާ ކުރިއަށް ގެންދަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތުވެސް ދީގެންކަން އޭނާ ފާހަގަކުރިއެވެ.
މުބާރާތުގައި ޓީސީ ދެ މޮޅު ހޯދިއިރު، އެއް މެޗުން ބަލިވިއެވެ. ޓީސީ މޮޅުވެފައިވަނީ ވެލެންސިއާ އަދި މަހިބަދޫ އަތުންނެވެ. ޓީސީ ބަލިވެފައިވަނީ އެ ގުރޫޕްގެ އެއް ވަނަ ހޯދި ޔޫވީ އަތުންނެވެ. ދެވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް ދަތުރުކުރީ ހަ ޕޮއިންޓާއެކުއެވެ.
ޓީސީ އަދި އީގަލްސް ބައްދަލުކުރާ ސެމީގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައެވެ.