އިދިކޮޅުން ހުށަހެޅި ޝަކުވާ ތަކުގައި ބުރަދަނެއް ނެތް، އިންތިހާބު އިންސާފުވެރި: އީސީ

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމަންޑޫ ދާއިރާގައި ބޭއްވި ބައި އިލެކްޝަންގެ ކެމްޕެއިނާބެހޭ ގޮތުން އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާ ތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި އެހެންކަމުން އެ އިންތިހާބަކީ ވަރަށް އިންސާފުވެރި އިންތިހާބެއް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ޓަކައި ބާޖަމާލުއްދީނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބާއި ގުޅޭގޮތުން ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ މީހަކު އެއްޗެކޭ ނުބުނާ ގޮތަކަށް އެއްވެސް ގައުމެއްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ނަމަވެސް ސާބިތު ކުރެވޭވަރުގެ ހެއްކާއެކު މައްސަލައެއް ހުށަހަޅައިފި ނަމަ ކޮންޕްލެއިންސް ބިއުރޯއިން އެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު އަޅަންޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"މީގެ ގިނަ ޝަކުވާ ހުށަހަޅާފައި މިވަނީ ޕީޕީއެމްގެ ފަރާތުން. ނަމަވެސް އެމްއެންޕީގެ ފަރާތުން ވެސް ޝަކުވާއެއް ހުށަހަޅާފައި އެބަވޭ. ނަމަވެސް މި ޝަކުވާތައް ލިބިފައިވާއިރު ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ހުށަހަޅާފައެއް ނުވޭ،" ފުއާދު ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގައި އެ ހިނގާދިޔަ ކަންކަންމާ އަޅާބާލާއިރު ވަރަށް އޮމާން ކަމާއި އަމާންކަމާ އެކީގައި ދިޔަ ބައި އިލެކްޝަންއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ މެންބަރުންނަށް ހަމަގައިމުވެސް ފެނިފައި އޮތީ،"

ކޮންޑޫ ދާއިރާގެ އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަ ކުރެއްވިއެވެ. އެ ތިން ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު އާއި ޕީޕީއެމްގެ ފަރާތުން ވާދަ ކުރެއްވި މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

އިލެކްޝަނުން މިއަދު އިއުލާން ކުރި ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ލިބުނީ 1،441 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް 1،161 ވޯޓް ލިބިފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ފުއާދު އިތުރަށް ވިދާޅުވީ އެ ބައި އިލެކްޝަންގެ ކަންކަން ހިނގަމުން ދިޔައީ ގާނޫނާއި ގަވާއިދުގައި ލިޔެފައި އޮންނަ ގޮތުގެ މަތިން ކަމަށެވެ.

comment ކޮމެންޓް