ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ފަރަގު ކޮޑަކޮށް ބަލިވުމުން މުޅި އެމްޑީޕީ ފަޟީހަތް ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްވަމުން ހުސެއިން ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި މަސްދުވަސް ތެރޭގައި ކޮމަންޑޫ ދާއިރާއަށް ހުސްކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލުކަން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ބަލިވި ކަމުގައި ޕީޕީއެމްއިން ނުދެކޭކަމަށާއި ސަރުކާރުގެ ނުފޫޒާއި ކޮރަޕްޝަނުގެ ކުރިމަތީގައި ފަރަގު ކުޑަކޮށް ބަލިވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށެވެ.
ރާއްޖޭގެ ތާރީޚް މިވަރުގެ އިންތިޚާބެއް ދެކެފައި ނުވާނެކަމަށް ވެސް ހުސައިން ވިދާޅުވިއެވެ. ރާއްޖޭގައި ތިބި މަހުޖަނުންނާއި ވިޔަފާރިވެރިން ދާއިރާގައި ބާއިތިއްބައިގެން މިލިއަނުން ޚަރަދުކޮށްފައިވާކަމަށް އޭނާ ތުހުމަތުކުރިއެވެ.
"މި ރާއްޖޭގައި ތިބި މުއްސަނދި ވިޔަފާރިވެރިން އެ ތަނުގައި ހަފްތާއެއް ވަންދެން ބައިތިއްބައިގެން އެކަން ކުރަމުން ގެންދިޔައީ. މި ދަންނަވާ މުއްސަނދިންނަކީ ކޮވިޑް އައިމާ ގޭގަ މަޖިލީހަށް ނުނިކުމެ ހުރި ބޭފުޅެއް،" ހުސެއިން ވިދާޅުވިއެވެ
ބައި އިލެކްޝަނުގެ ނަތީޖާއާ އެކު ޕީޕީއެމްއަށް ލިބުނީ އިތުރު ހިތްވަރު ކަމަށާއި، މިހާރު ފަށާފައިވާ މަސައްކަތް ނިންމާލާނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިންތިހާބުގެ ނަތީޖާ އައިގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކާރާނެކަން ޔާގީންވެފައިވާކަަމަށެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ވާދަވެރި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.
ރާޝިދު އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށްވުރެ އިތުރަށް 240 ވޯޓު ހޯއްދަވައިގެންނެވެ.