އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަން: ގެމަނަފުށި ޕީޕީއެމަކަށް ނުލިބުނު، ވިލުފުށި އެމްޑީޕީއަށް

މިއަދުގެ އިންތިހާބުގައި މީހަކު ވޯޓުލަނީ --- ސަންފޮޓޯ: ނާއިލް ހުސައިން

މިއަދު ބޭއްވި ތ. ވިލުފުށްޓާއި، ގއ. ގެމަނަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓެއް ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ޖުމްލަ 28 ވޯޓާއެކު ފާތިމަތު ނީނާއެވެ. އޭނަޔާ ވާދަކުރި އަމިއްލަ ކެންޑިޑޭޓް ރުގިއްޔާ އާލިމާ ރަޝާދުއަށް ލިބުނީ 19 ވޯޓެވެ. މި ބައި އިލެކްޝަންގައި ލި ހަތަރު ވޯޓެއް ވަނީ ބާތިލުވެފައެވެ.

ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރިއިރު، އޭގެ ތެރެއިން ޕާޓީއަކަށް ނިސްބަތްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ރިޔާޒާ އެކަންޏެވެ.

މި އިންތިހާބު ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 3 މަރިޔަމް ޖަމްޝީދާއެވެ. އޭނާ ވަނީ ޖުމްލަ 97 ވޯޓު ހޯދާފައެވެ.

އޭނައާ އެންމެ ކައިރިން ވާދަކުރި އަމިއްލަގޮތުން ވާދަކުރި ފާތިމަތު ސިފާޒާއަށް ލިބުނީ 69 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ހޯދީ މަރްޔަމް ފަޒުނާއެވެ. އޭނައަށް ލިބުނީ 53 ވޯޓެވެ.

އެންމެ މަދުން ވޯޓު ލިބުނު ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ރިޔާޒާއަށް ލިބުނީ 30 ވޯޓެވެ.

މިއީ އެރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ މެންބަރުން އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިތަކުގެ އިންތިހާބެވެ.

comment ކޮމެންޓް