ބިލްބާއޯ އަތުން ބަލިވެ ވަރުގަދަ ރެއާލް މެޑްރިޑް ކަޓައިފި

ރެއާލް އަދި ބިލްބާއޯ ބައްދަލު ކުރި މެޗުގެ ތެރެއިން --

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓަައިފިއެވެ.

ރެއާލްގެ މަައްޗަށް ބިލްބާއޯ އިން ކުރި ހޯދީ 1-0 ގެ ނަތީޖައަކުންނެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ކަރީމް ބެންޒެމާއެއް ނުކުޅެއެވެ. އޭގެ ސަބަބުން ރެއާލްއަށް މާ ގިނަ ހަމަލާތަކެއް އުފެއްދުނު ތަނެއް ނުފެނުނެވެ. އަދި މި މެޗުގައި ރެއާލުން އެ ޓީމުގެ އެޑެން ހަޒާޑް އަދި ގަރެތް ބޭލްއަށް ވެސް ފުރުސަތު ދީފައެއްނުވެއެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ނިމެން ދަނިކޮށް ބިލްބާއޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ބިލްބާއޯ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލެކްސް ބެރެންގިއޭ އެވެ. މިކޭލް ވެސްގާ ދިން ޕާހަކުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ރެއާލްގެ ގޯލުގެ ކަނަށެވެ.

ހުރިހާ މުބާރާތެއްގައި ވާދަކޮށް ތަށްޓާ ހަމައަށް ދިއުމުގެ އަޒުމުގައި އޮތް ރެއާލަށް ސެމީން ވެސް ފުރުސަތު ނުލިބި މުބާރާތަކުން ވަކިވެގެން ދާން ޖެހުމަކީ އެ ޓީމަށް ހިތާމަވެރި ވަގުތެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

މި މުބާރާގެ ސެމީގެ ޖާގަތައް ހޯދީ ބިލްބާއޯގެ އިތުރުން ވެލެންސިއާ، ރަޔޯ ވަޔެކާނޯ އަދި ރެއާލް ބެޓިސް އެވެ.

comment ކޮމެންޓް