މާލޭ ރައްޔިތުންނަށް ހައްގީ އެންމެ ދެތިން ހާސް ގޯއްޗާއި، ހައެއްކަ ހާސް ފްލެޓެއް ނޫން ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ހުޅުމާލެއިން އެކަނި ވެސް މަދު ވެގެން 4،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ގުޅީފަޅު ހިއްކައިގެން ވެސް މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެއިން 15،000 ފްލެޓު އަދި ގުޅީފަޅުން 25،000 ފްލެޓު ދެވެން އެބައޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޯހިޔާވަހިކަމާ މެދު ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވަނީ ހުޅުމާލުގައި މިހާރު އަޅަމުންދާ 5،000 ހައުސިން ޔުނިޓްގެ އިތުރުން 2،000 ހައުސިން ޔުނިޓުގެ މަަސައްކަތް މިއަހަރު ފަށާނެ ކަމަށް ވިދާޅުވެފައެވެ.