ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް މިއަހަރު ފިޔަވަޅު އަޅަން ފަށާނެ: ރައީސް

ރައީސް ވިދާޅުވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓާނެ ކަމަށް-- ސަން ފައިލް ފޮޓޯ

ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މި އަހަރު ތެރޭގައި އަޅަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފާއިތުވީ 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހިފި އަމާޒަށް ވުރެ މަތިން ހާސިލްކުރެވިގެން ދިޔަ ކަމަށެވެ. އެގޮތިން އެއް މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފިނަމަވެސް، ޖުމްލަ 3.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 6.31 އިންސައްތަ އާ 5.38 އިންސައްތައާ ދެމެދުގާ ކަމަށް ބެލެވޭ ކަމަށާއި މިއީ ވޯލްޑް ބޭންކާ އައިއެމްއެފް ފަދަ ބައިނަލް އަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ އަދަދެއް ކަމަށެވެ.

ހަމައެހެންމެ މި އަހަރު އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ ފަސް އިޤްތިޞާދުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ އަންދާޒާ އަކީ، މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން. އަދި މިއަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 2.791 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އަދި މި އަހަރު ތެރޭގައި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

"[މި އަހަރުތެރޭގައި] ބޭރުފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެ ހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ދައްކަން ޖެހޭ ގިނަ ލޯނުތަކެއް ވެސް މިހާރު ދައްކައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 2019 ވަނަ އަހަރު ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް