އަބަދުވެސް ގައުމަށް އެންމެ ބޭނުންޖެހޭ ވަގުތު ޖޭޕީ އޮންނާނީ އެންމެ ރަނގަޅު ހިސާބުގައި: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ---- ފޮޓޯ/ މަޖިލިސް

ކަމެއްދަމެއްބޮޑުވެ، އަބަދުވެސް ގައުމަށް އެންމެ ބޭނުންޖެހޭ ހާލަތުގައި ޖުމްހޫރީ ޕާޓީ އޮންނާނީ އެންމެ ރަނގަޅު ހިސާބުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ވެސް މި ފެންނަނަނީ އެ މަންޒަރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ވީޓީވީން ދެއްކި ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޝިފާއު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ޖުމްހޫރީ ޕާޓީއަކީ ވަރަށް މުހިއްމު ޕާޓީއެއް ކަމަށެވެ.

"ސަބަބަކަށް ވަނީ ގާސިމް އިބްރާހީމަކީ ނުހަނު ވިސްނުންތެރިކަމާއެކު އަބަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރަނގަޅު ސްޓޭންޑް ނަންގަވާ ބޭފުޅެއް،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓް ހޯދުމަށް ޓަކައި ޖުމްހޫރީ ޕާޓީން އަދާކުރަމުން އެ ގެންދަނީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. ހާއްސަ ގޮތެއްގައި ގާސިމް އިސްވެ ހުންނަވައިގެން ޖޭޕީ ލީޑާޝިޕްގެ ޓީމެއް ކޮމަންޑޫ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ ދެ ހަފްތާ ވެއްޖެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ފިކުރު ތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީއާ އެމްޑީޕީއަކީ ގުޅިގެން މަސައްކަތް ކުރެވޭނެ ސިޔާސީ ފިކުރު ތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ.

"ޖުމްހޫރީ ޕާޓީން، ހާއްސަކޮށް ގާސިމް އިބްރާހީމްގެ ލީޑާޝިޕުން ގަބޫލު ކުރައްވާ މި އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަން. އަދި އަދާ ކުރަންވެސް ޖެހޭކަން. އެއީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި،" ޝިފާއު ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާ އެކީގައި މަސައްކަތް ކޮށްގެން އަދި މިހާތަނަށް ނެތް ކާމިޔާބު ނުވާ އެއްވެސް ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެެއް،" އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަކީ ޖުމްހޫރީ ޕާޓީއަށް ތާއީދު އޮތް ދާއިރާއެއްކަން ފާހަގަ ކުރައްވައި ޝިފާއު ވިދާޅުވީ މި ފަހަރުގެ އިންތިހާބުގެ ކެމްޕެއިނުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ކޮމަންޑޫ ދާއިރާގެ ނަތީޖާ ވަރަށް ސާފުކޮށް މިހާރު ފެންނަން ފަށައިފި ކަމަށް ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިތުރު ޕާޓީ ތަކާއެކު ކޯލިޝަން ހެދިކަމުގައި ވިޔަސް އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ފެނުނީ ޖޭޕީ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ، އެކުގައި ކުރި މަސައްކަތް ތަކަކީ ފާހަގަ ކުރެވޭ ވަރުގެ މުހިއްމު މަސައްކަތް ތަކެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ އެންމެ ވާދަވެރިކަން ބޮޑީ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދު އާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޓޭޑް މޫސާ ފަތުހީ އާދަމްގެ މެދުގައި ކަމަށާއި ދާއިރާގެ ތިން ރަށުން ވެސް މަންޒަރު ފެންނަނީ އެގޮތަށް ކަމަށެވެ.

ކޯލިޝަންގެ މެދުގައި އޮތް ގުޅުމާބެހޭ ގޮތުން ޝިފާއު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެދުގައި އޮތް ބަދަހި ގުޅުން ގިނަ ބަޔަކަށް ފެނުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުއްމީދަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އެހެންކަމުން މި އިންތިހާބުން ވެސް އެނގުނީ ކޯލިޝަންގެ ވަރުގަދަ ގުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއާ ގުޅިގެން ޖުމްހޫރީ ޕާޓީން ނުކުތުމުން މި ސަރުކާރާ ދޭތެރޭގައި ރައްޔިތުންނަށް ވަރަށް ބޮޑު ޔަގީން ކަމެއް ލިބިއްޖެ،" ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމަށް ހަމަޖެހުމާއި އިގްތިސޯދީ ކުރިއެރުން ގެނައުމަށް އޮތް އެންމެ މުހިއްމު ކަމަކީ ސަރުކާރު ތެރޭގައި އޮންނަ ގުޅުމާއި އެއްބައެއްވަންތަކަން ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ ނުކުތުމުން މުޅި ޖުމްލަކޮށް ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ ކުރިން ބޭއްވި ގިނަ އިންތިހާބު ތަކުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ ގޮތުން މަސައްކަތް ނުކުރައްވާ ވަރަށް މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދައިދިނުމަށް ގާސިމް ގެންދަވަނީ އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިކަމާ ގުޅުވައިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ގާސިމް އިބްރާހީމަށް ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް