މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރަ އިތުރުވެއްޖެ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

މިދިޔަ އަހަރު ފާސްކުރެވުނު މިނިމަމް ވޭޖުގެ ގާނޫނާއެކު ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތްކުރާ މުވަައްޒަފުންގެ މުސާރަ އިތުރުވެއްޖެއެވެ.

ފެނަކައިން ބުނީ މިދިޔަ މަހުގެ މުސާރަ ދިނުމުގައި އެ ކުންފުނީގެ 80 ޕަސެންޓު މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެއީ ޖުމްލަ 3340 މީހުންކަމަށް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި ކުރިން އަސާސީ މުސާރައިގެ ގޮތުގައި 2،800 ރުފިޔާ ލިބުނު މުވައްޒަފަކަށް މިހާރު 4،650 އަސާސީ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

އެލަވަންސްތައް ހިމަނައިގެން މިއީ 5،590 ރުފިޔާއިން 9،222 ރުފިޔާއަށް މައްޗަށް ޖެހިލުމެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މުވައްޒަފުންތަކެއް ތިބި ފެނަކަ ކޯޕަރޭޝަނުން މިނިމަމް ވޭޖް ތަންފީޒުކުރުމާއެކު ގިނަ ބަޔަކަށް އޭގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅާ، އަދަދުތައް ހާމަކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އޭރު އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަރާރުގައި ވާގޮތުން މި ޖަނަވަރީ މަހުގެ މުސާރަ ދޭން ޖެހޭނީ އެ ގަރާރާ އެއްގޮތަށެވެ.

މިނިމަމް ވޭޖު ތަންފީޒުވުމުން ކުދި ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަހަކު މަދުވެގެން 4،500 ރުފިޔާ ދޭން ޖެހެއެވެ.

މެދު ފަންތީގެ ވިޔަފާރިތަކުން ދޭންޖެހެނީ 7،000 ރުފިޔާއެވެ. މިއީ ޕަބްލިކް ސެކްޓާގެ މުވައްޒަފުންނަށް ވެސް ލިބޭ މިންވަރެވެ.

އަދި، ބޮޑެތި ވިޔަފާރިތަކުން މަހަކު 8،000 ރުފިޔާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭންޖެހެއެވެ.

comment ކޮމެންޓް