ބެއިޖިންގް (01 ފެބްރުއަރީ 2022): ހަނދުގެ ދެކުނު ތަނޑީގެ ކައިރީގައި ފަޒާގެ ދިރާސާތަކާބެހޭ މަރުކަޒެއް ބިނާކުރުމަށް ޗައިނާއާއި ރަޝިއާއިން އެއްބަސްވެއްޖެވެ.
މިކަން ހާމަކުރަމުން ޗައިނާގެ އިނގިރޭސި ނޫހެއްކަމަށްވާ "ގްލޯބަލް ޓައިމްސް" ބުނީ މި މަރުކަޒު ބިނާކުރުމަށާ އަދި އެމަރުކަޒު ބިނާކުރުމަށްޓަކައި ޗައިނާއާއި ރަޝިއާ ގުޅިގެން ހަނދަށް ދަތުރުތަކެއް ކުރުމަށް ޗައިނާގެ ފަޒައާބެހޭ އިދާރާއާއި ރަޝިއާގެ ފަޒާއާބެހޭ އިދާރާ ގުޅިގެން ރާވާފައިވާ ކަމަށެވެ.
ފަޒާއާބެހޭ ޗައިނާގެ ސައެންސްވެރިންނާ ހަވާލާދީ "ގްލޯބަލް ޓައިމްސް" ބުނާގޮތުން އިންސާނުން ގޮވައިގެން ދަތުރުކުރާ އުޅަނދުތައް ހަނދަށް ޖައްސަން އެންމެ ފަސޭހަވާނީ ހަނދުގެ ދެކުނު ތަނޑީގެ ކައިރިއަށެވެ. އެއީ ހަނދުގެ ސަތަހަށް ބަލާއިރު ދެކުނުން 90 ޑިގްރީގެ ގޮތުގައި ފާހަގަކުރާ ސަރަހައްދެވެ. ބިމުން ފޮނުވާ އުޅަނދުތައް ހަނދަށް ޖައްސަން އެންމެ ފަސޭހަވާނީ އެ ސަރަހައްދުގައި ކަމަށްވެއެވެ. ހަނދުގެ ދެކުނު ތަނޑީގެ ކައިރީގައި ފަޒާގެ ދިރާސާ މަރުކަޒު ގާއިމް ކުރަން ޗައިނާއާއި ރަޝިއާ ބޭނުންވަނީ މިސަބަބާ ގުޅިގެންނެވެ.

ޗައިނާއިން ނެރޭ "ވައިޓް ބުކް" ގައިވެސްވަނީ ހަނދުގައި ފަޒާގެ ދިރާސާތަކާބެހޭ މަރުކަޒެއް ބިނާކުރުމަށް އެގައުމުން ޕްލޭންކޮށްފައިވާކަން ހާމަކޮށްފައެވެ. "ވައިޓް ބުކް" އަކީ ޗައިނާއިން ކުރާ ފަޒާގެ ދިރާސާތަކާ އަދި މުސްތަގްބަލްގައި ޗައިނާއިން ފަޒާގައި ހިންގުމަށް ރާވާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ ފޮތެކެވެ. ޗައިނާ މިހާރުވެސް ގެންދަނީ ފަޒާގައި އިންސާނުން ތިބެގެން ދިރާސާކުރާނެ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެ އިތުރުން ޗައިނާވަނީ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ފަޒާގައި ބާރުގަދަ ޓެލެސްކޯޕެއް ބެހެއްޓުމަށާއި އެ މަރުކަޒުގައި ތިބޭ ޗައިނާގެ ސައެންސްވެރިންނާއި އިންޖިނޭރުންނަށް ބޭނުންވާ ތަކެއްޗާއި އެނޫންވެސް ޖައްވީ ކާގޯ އުފުލުމަށް ޚާއްސަކޮށްގެން ކާގޯ ސްޕޭސް ކްރާފްޓެއް ބިނާކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެއިތުރުން ފަޒާއަށް ދެ ލެބޯޓްރީ ފޮނުވުމަށްވެސް ޗައިނާގެ ފަޒާއާބެހޭ އިދާރާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.