އަހަރެއް ފަހުން ވެސް އާޒިމާގެ ޝަރީއަތް ނުބޭއްވުނު

އާޒިމާ ޝުކޫރު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދު ވަނީ ކެންސަލް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް މިއަދު ތާވަލު ކުރި ނަމަވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ.

މިއަދުގެ 11 ޖަހާއިރަށް ތާވަލުކުރި އެ ދެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ.

އެނގިފައިވާ ގޮތުގައި އާޒިމާގެ މައްސަލަ ކެންސަލް ކުރީ އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ކަރަންޓީނުގައި ހުރުމުންނެވެ.

އާޒިމާގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީލޯޑަރިންގެ ދައުވާ އާ ގުޅިގެން އެންޓި ކޮރަޕްޝަންސް ކޮމިޝަން (އެސިސީ) އަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އޭސީސީއާ އެކު އެއްބަސްވެވަޑައިގަތުމަށްފަހު އެއާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. އަދި މި ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ބައްލަވަން ފެއްޓެވީ ގާޒީ އަހުމަދު ހައިލަމްއެވެ. އަދި ހައިލަމް މަގާމުން ވަކި ކުރުމާއެކު މައްސަލަ ބެއްލެވުމަށް ހަވާލުކުރީ ގާޒީ ހަސަން ސައީދާއެވެ. ނަމަވެސް ސައީދު ވަނީ އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައެވެ. އަދި މިހާރު ހަވާލުވެވަޑައިގެންފައި ވަނީ ގާޒީ އަލީ އާދަމެވެ.

comment ކޮމެންޓް