ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް އަވަހަށް ޖަލަށް ވަޑައިގަންނަވާނެ ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވާނީ ވައްކަމުގެ މައްސަލަތައް ސާބިތުވެގެން ކަމަށެވެ.
"ހަމަ ކޯޓުތަކުން ރައީސް ޔާމީން ހުކުމް ތަންފީޒު ކުރުމަށްޓަކައި މި ރޯދައިގެކުރިން ޔާމީން އަބްދުލްގައްޔޫމް ޖަލަށް ވަޑައިގަންނަވާނެ. އެއީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން. ރައީސް ޔާމީން ޖަލަށް އެ ވަޑައިގަންނަވަނީ މިދިޔަ ދުވަސްތަކުގައި، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ އާއި އެހެނިހެން ގޮތްގޮތުން ކުރެއްވި ވައްކަންތައް ސާބިތުވެގެން،" ޝިޔާން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ގެކޮޅަކީ ކޮރަޕްޝަންގެ ފައިސާއިން އިމާރާތްކޮށްފައިވާ ތަނެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު އިމާރާތް ކުރަން ފައިސާ ޚަރަދުކުރި ގޮތް ވެސް ބަލައި މި ސަރުކާރުން އަދަބު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައްކަންތަކަށް އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހިކުރަންޖެހޭ ކަންތައްތައް މަޖިލީހުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ރައްޔިތުންނަށް އަންދާޒާ ވެސް ކޮށްނުލެވޭނެ ވަރުގެ ހެޔޮވެރިކަމެއް ކަމަށާއި މިއިން ޒަމާނަކު ރާއްޖެއިން ނުފެންނަ ވަރުގެ ތަރައްގީގެ މަޝްރޫއުތައް އެމަނިކުފާނުގެ ވެރިކަމުގައި ފެންނަމުންދާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ހިލޭ އެހީގެ ގޮތުގައި ދީފައިވާ 22 ބިލިއަން ރުފިޔާއިން ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭވެސް ޔާމީން އަބްދުލްގައްޔޫމަށް ދަންނަވާލަން ބޭނުން އައުޓެއް ނުކުރެވޭނެ. އިންޑިއާ އައުޓެއް ނުކުރެވޭނެ،" ޝިޔާން ވިދާޅުވިއެވެ.