ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާއި ތުރުކީން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (ކ) އަދި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު (ވ) --

ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަޅައިދިއުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް، ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ހެޔޮ އެދުންތައް އަރިސްކުރެއްވުމަށް ދަންނަވާފައެވެ. އަދި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައީސްގެ ހެޔޮއެދުންތައް ރައީސަށް ވެސް އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ‏ރާއްޖެއާއި ތުރުކީވިލާތާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުން އެ ގައުމުގެ ސަރުކާރުން ރާއްޖޭއާ ތުރުކީއާ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ދެއްވާ މުހިންމުކަން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވެފައެވެ.

އޭގެ އިތުރުން ދެބޭފުޅުން ވަނީ މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމާއި، އުމްރާނީ ތަރައްގީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮވިޑް ދިފާއު ވެކްސިން ކެމްޕެއިނަށް ތުރުކީވިލާތުގެ ސަރުކާރުން 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ޝިޕްމަންޓް ހަދިޔާކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އަދި ދެގައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 28 މެއި 1979 ގައެވެ.

comment ކޮމެންޓް