މަރު ކޮމިޝަނަށް ރިސާޗް އޮފިސަރަކު ހޯދަން އިއުލާންކޮށްފި

ރައީސް އޮފީސް

މަރާލާފައިވާ މީހުންނާއި، ގެއްލުވާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާ ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ އެ ކޮމިޝަނަށް ހޯދުމަށް އިއުލާންކޮށްފައިވަނީ ސީނިއާ ރިސާޗް އޮފިސަރެކެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރިސާޗު އޮފިސަރުގެ މަގާމުގެ މުސާރައަކީ 6،295 ރުފިޔާ ކަމަށެވެ. އަދި އެ މަގާމަށް ސާވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާގެ އިތުރުން ހާއްސަ އެލަވެންސްގެ ގޮތުގައި 2،832 ދިނުމަށް ނިންމާފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

މި މަގާމަށް މީހުން އައްޔަން ކުރާނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހެއްކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ނުވަތަ މި މަގާމަށް ޝަރުތު ހަމަވުމަށް އެފަދަ މަގާމަކާ ގުޅޭ ދާއިރާއަކުން ހައަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލާން ޖެހޭއިރު މަގާމަށް ކުރިމަތިލާ މީހަކީ އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދެއްކުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށް ވާންޖެހެއެވެ.

އެ ކޮމިޝަނުން ތަހުގީގު ކުރަންޖެހޭ މައްސަލަތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައި ވަނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިހުރި މައްސަލަތަކެވެ. އެ މުއްދަތުގެ ތެރޭގައި 29 މަރެއް ވަނީ ހިނގާފައެވެ.

އެ މުއަދަތުގައި އެކި ސަަބަބުތަކާހުރެ ނުބެލި ހުރި މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް އަދި އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ނިންމިފައެއް ނުވެއެވެ. މީގެ ތިން އަހަރު ކުރިން އެ ކޮމިޝަން އެފެއްދުމާއެކު ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންގޮސް ހުރިހާ މައްސަލައެއް ވަރަށް އަވަހަށް ނިންމާނެކަމަށް ވެސް އެ ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް