ދިވެހިންނާއި ކެންސަރު: ރަތް އެލާޓްގައި!

ޑރ. ޝިފާން ކެންސަރުގެ އޮޕަރޭޝަނެއްގެ ތެރެއިން: ރާއްޖޭގައި ވެސް ކެންސަރު ވަރަށް އާއްމު-- ފޮޓޯ: އައިޖީއެމްއެޗް

ހަމައެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. ޒުވާނުން އެކަންޏެއް ވެސް ނޫނެވެ. އެތައް ކުޑަކުދިންނެއް ވެސް ހިމެނޭ ގޮތަށް އެތައް ސަތޭކަ ދިވެހިންނެއް އެ ނުރައްކާތެރި ބަލި ތަޖުރިބާ ކޮށްފިއެވެ. ގިނަ ބަޔަކު ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ކެންސަރުގެ ވޭންދެނިވި ތަޖުރިބާ މިހާރުވެސް އެތައް ދިވެހިންނެއް ދަނީ ކުރަމުންނެވެ.

ދުނިޔޭގެ ކެންސަރުގެ ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު މިއީ އާބާދީ މަދު މި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ. ދުވަހުން ދުވަހަކަށް ކެންސަރު ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ. ސޯޝަލް މީޑިއާއަށް ބަލާލިޔަސް އެފަދަ އެހީގެ ގިނަ ޕޯސްޓްތަކެއް ފެންނާނެއެވެ.

އެންމެ އާއްމީ އުރަމައްޗާއި ތައިރޮއިޑް ކެންސަރު

މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ބުނާގޮތުގައި އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތައް ވެސް ރާއްޖެއިން ފެނެއެވެ. ދެން އެންމެ ގިނައީ ތައިރޮއިޑް ކެންސަރެވެ. އެ ދެ ވައްތަރުގެ ކެންސަރަށް މިހާރު ވެސް ގިނަ ދިވެހިން ތަކެއް އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ އެކި އުމުރު ފުރައިގެ މީހުން ހިމެނެއެވެ. އޭގެ އިތުރުން ދެން އެންމެ ގިނައީ އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ސްކްރީނު ކުރުމުން އުރަމަތީގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު މަދުވޭ

އައިޖީއެމްއެޗް ކެންސަރު ޑިޕާޓްމަންޓުގެ ހެޑް، އަދި ކެންސަރާ ގުޅޭ ސާޖަރީގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ޝިފާން ވިދާޅުވާގޮތުގައި ކެންސަރަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް 2017 ވަނަ އަހަރު އައިޖީއެމްއެޗްގައި އުފެއްދީންސުރެ މިހާތަނަށް 250 އުރަމަތީ ކެންސަރުގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އަދި އެއަދަދާ ކައިރި ކުރާ ވަރަށް ތައިރޮއިޑް ކެންސަރުގެ އޮޕަރޭޝަންތައް ވެސް ކޮށްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އުރަމަތީގެ ކެންސަރު އާއްމުވާ ސަބަބެއްގެ ގޮތުގައި ޝިފާން ފާހަގަ ކުރެއްވީ އުމުރުން ވަރަށް ހަގުއިރު ޕީރިއަޑް ވާން ފެށިގޮތަށް އުމުރުން ގިނަ ދުވަސްތަކެއް ވަންދެން އިއްދައިން ނުކެނޑި ހުންނަން ޖެހުމެވެ. އަދި ކުދިން ނުހޯދައި އުމުރުން ދުވަސް ވަންދެން ހުރުމަކީ ވެސް އެފަދަ ކެންސަރު އިތުރުވާ ސަބަބެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

"ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ވެސް އޭގެން އެއް ކަމެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަމެއް ރާއްޖޭގައި ތަންކޮޅެއް ހަގު އުމުރުގައި ބްރެސްޓް ކެންސަރު އެބަ ފެނޭ. އެއީ ވެސް އަޅުގަނޑުމެން ރިސާޗް ކުރަންވީ މަގެއް،" ޝިފާން ވިދާޅުވިއެވެ.

ތައިރޮއިޑް ކެންސަރަށް ބަލާއިރު ގިނަ ވައްތަރަކީ އެ އުފެދޭ ސަބަބެއް ނޭންގި އުފެދޭ ކެންސަރުގެ ވައްތަރެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ކެންސަރު ގިނައީ ކީއްވެ؟

ރާއްޖޭގެ ހަމައެކަނި ދިވެހި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ވިދާޅުވިގޮތުގައި ކެންސަރު އެހާ ގިނަވާ ކަމަށް މިހާރު ބެލެވޭ އެއް ސަބަބަކީ ކުރިން ފާހަގަ ނުކުރެވި ހުރި ކަންކަން މިހާރު ކެންސަރުގެ ގޮތުގައި ދެނެގަނެވުމެވެ. އެގޮތުން ރާއްޖޭގައި ވެސް މިހާރު ކުރިއަށް ވުރެން ބަލި ދެނެގަނެވޭލެއް އިތުރުވުމަކީ ކެންސަރު ގިނަ ކަމަށް ފެންނަ އެއް ސަބަބު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ދުނިޔެއަށް އަންނަ ބަދަލު ތަކަކީ ވެސް ކެންސަރު އިތުރުވާ ސަބަބެކެވެ. އެގޮތުން ދުނިޔެއަށް ބަލާއިރު ވެސް ތަރައްގީ ވެފައިވާ ގައުމުތަކުގައި ކެންސަރު ގިނަ ކަމަށް އަމްރު ވިދާޅުވިއެވެ.

"އޭގެ އެއް ސަބަބަކީ އިންޑަސްޓްރިއަލް މިސާލަކަށް ބުނާނަމަ އެއާ ޕޮލިއުޝަން{ވައި ނުސާފުވުން} އެއީ ވެސް ކެންސަރަށް މަގުފަހިވާ ކަމެއް. ދެން ކެންސަރޭ ދެންނެވިޔަސް ކޮންމެ ކެންސަރަކީ ވަކި ބައްޔެއް. އެހެންވީމައި ތަފާތު ކެންސަރުތަކަށް މިހުންނަކީ އެކި ރިސްކް ފެކްޓާސް." އަމްރު "ސަން" އަށް ވިދާޅުވިއެވެ.

"މިސާލަކަށް ސިޓީއެއް ޑިވެލޮޕް ވަމުން އަންނަ ވަރަކަށް އެ ސިޓީއެއްގެ ސުވަރޭޖް މައްސަލަތަކެއް ހުރުން ނޫނިއްޔާ ޕޮލިއުޝަންގެ މައްސަލަތަކެއް ހުރުން. ނޫނިއްޔާ އެތަނެއްގައި ބޭނުން ކުރާ ކެމިކަލްއެއްގެ ސަބަބުން. ނޫނިއްޔާ ފެކްޓްރީއެއްގެ ކައިރީގައި ހުންނަ ފެނުގައި ވަކި މާއްދާއެއް ހުރެގެން ވެސް ކެންސަރު އިތުރު ވެދާނެ."

ކެނސަރުން ދިފާއުވުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ --

ކެންސަރުން ރައްކާތެރިވާނީ ކިހިނެއް؟

ކެންސަރު ޖެހޭ ތަފާތު ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ދިރިއުޅޭ މާއުލާއި ތިމާގެ އާއިލީ ދަރިފަސް ކޮޅާއި އަދާކުރާ ވަޒީފާ ވެސް ހިމެނެއެވެ. އެހެންކަމުން ކެންސަރު ޖެހޭ ސަބަބުތަކުގެ ތެރޭގައި ތިމާގެ ބާރު ނުފޯރުވޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ޝިފާން ވިދާޅުވިގޮތުގައި ކެންސަރުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގަވައިދުން ކަސްރަތު ކުރުމާއި މިންހެޔޮކޮށް ކެއުމެވެ. އަދި ޕްރޮސެސް ކޮށްފައި ހުންނަ ކާނާ މަދުން ކެއުމެވެ. އަދި ރަނގަޅު މިންވަރެއްގައި ބަރުދަން ބެހެއްޓުމަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދުންފަތުގެ އެއްވެސް އިސްތިއުމާލެއް ނުކުރުމާއި ދުފުން ފަދަ ގޯސް އާދަތަކުން ރައްކާތެރިވެ ތިބުމަކީ ވެސް ކެންސަރުން ދުރުވުމަށް ކުރުން މުހިންމު ކަންކަން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ދުންފަތުގެ ސަބަބުން އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް އޭގެ އަސަރު ކުރާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ފަރުވާ ކުރެވޭނެ ބައްޔެއް، ރާއްޖޭން ވެސް ރަނގަޅު ކުރެވޭ

ކެންސަރޭ ބުނާ އަޑު އިވޭ ހިސާބުން ގިނަ ބަޔަކު މާޔޫސް ކޮށްލައެވެ. ބިރުވެރިކަން އުފެދެއެވެ. ދުނިޔެއާ ވަކިވާ ވަގުތު ކައިރިވީ ކަމަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވާގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އެހެން ބަލިތަކެކޭ އެއްގޮތަށް ކެންސަރަކީ ވެސް ފަރުވާ ހޯދައި ރަނގަޅު ކުރެވޭނެ ބައްޔެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑރ އަމްރު ވިދާޅުވިގޮތުގައި ސްޓޭޖް ތިނަކާ ހަމައަށް ކެންސަރަކީ ފަރުވާ ދީގެން ރަނގަޅު ކުރެވޭ ބައްޔެއް ކަމަށެވެ. ފުރާނައަށް ނުރައްކާވާ ހާލަތަށް ދަނީ ސްޓޭޖް ހަތަރަކާ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަކުރު ބަލި. ހިތުގެ ބަލި. މިހުންނަނީ ދާއިމަށް ފަރުވާ ކުރެވޭ ބަލިބަލި. ކެންސަރުގައި ވެސް އެގޮތަށް ފަރުވާ ކުރެވޭނެ ސްޓޭޖް ހަތަރެއް ގައިވެސް،" ޑޮކްޓަރު ވިދާޅުވިއެވެ.

"ކެންސަރު ޖެހުމަކީ އެއްވެސް ހާލަތެއްގައި އުއްމީދު ކަނޑާލަންވީ ހާލަތެއް ނޫން. އުއްމީދާއެކީ ފަރުވާ ހޯދަން ވާނީ."

ޑރ. ޝިފާން ވިދާޅުވިގޮތުގައި ދުނިޔެއާއި ރާއްޖޭގައި ވެސް ފަރުވާއަށް ހެޔޮ، ގިނަ ބަދަލުތަކެއް އައިސްފައިވާއިރު ކެންސަރު ޖެހުމަކީ އެއްވެސް ގޮތަކަށް އުއްމީދު ކަނޑާލަން ޖެހޭ ކަމެއް ނޫނެވެ.

"ކައްޓަށް ފެތުރުމަށް ފަހުގައިވެސް ހަމަ ފަރުވާ ކޮށްގެން ރަނގަޅު ކުރެވިފައި. ނުވަތަ އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓިފައި އެބަހުރި. އެއީ އަޅުގަނޑުމެން އެންމެން ވެސް އުފާ ކުރަންވީ ކަމެއް އިރާދަކުރެއްވިއްޔާ،" ޝިފާން ވިދާޅުވިއެވެ.

ކެންސަރުގެ ގިނަ ފަރުވާތަކެއް ރާއްޖޭން ވެސް ލިބެއެވެ. އެ ބަލީގެ 90 ޕަސެންޓް އޮޕަރޭޝަން އައިޖީއެމްއެޗްއިން ކުރެވޭއިރު ހުރިހާ ވައްތަރެއްގެ ކީމޯއެއް ދެވެއެވެ. ނުދެވި ވަނީ މަދު ފަރުވާއެކެވެ. އެ ފަރުވާތައް ކުރުމަށް އާސަންދަ އާއި އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދެއެވެ.

ކެންސަރުގެ ނުރައްކާ ކިތަންމެ އާއިލާއަކުން ތަޖުރިބާ ކޮށްފިއެވެ. އަދިވެސް ދުވަހުން ދުވަހަށް އެ ބަލި ދަނީ އިތުރުވަމުންނެވެ. މީގައި އޮތްގޮތަކީ ބާރުފޯރުވޭ ކަންކަން އިސްލާހު ކުރުމެވެ. ރަނގަޅު އާދަތަކެއްގެ މަތީގައި ދިރިއުޅުމެވެ.

comment ކޮމެންޓް