އިމާރާތްކުރުން ފިޔަވާ އެހެން ހުރިހާ ސިނާއަތަކަށް ކުރިއެރުން

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އިމާރާތްކުރުން ފިޔަވާ އެހެން ހުރިހާ ސިނާއަތްތައް ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ކުއާޓާލީ ބިޒްނަސް ސާވޭގައި ވާގޮތުން، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ މާލީ ހާލަތު މިދިޔަ ކުއާޓާގައި ރަނގަޅުވިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ދަށްވެފައިވާ އިރު، ވިޔަފާރިތަކުގެ މާލީ ހާލަތު ވެސް ޖުމްލަ ގޮތެއްގައި ވަނީ ގޯސްވެފައެވެ.

އެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިތައް ކުރިއެރުމަށް ހުރި ހުރަސްތަކުގެ ގޮތުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުރާ މަސައްކަތުގެ އަގު ލިބުން ލަސްވުން ހިމެނެއެވެ. އަދި، ބޭރު ފައިސާ ލިބުން ދަތިވުމާއި، ރޯ މެޓީރިއަލްގެ އަގު ބޮޑުވުން ވެސް ބޮޑެތި މައްސަލަތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ކުއާޓާއާ އަޅާބަލާއިރު، ދިވެހި މަސައްކަތްތެރިން ނުލިބޭ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ މިންވަރުވަނީ އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އާމްދަނީއާއި، ބުކިންސް މިދިޔަ ކުއާޓާގައި އިތުރުވެފައިވާ އިރު، އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ދަތުރުފަތުރާއި މުއާސަލާތުގެ ދާއިރާ ވެސް މިދިޔަ ކުއާޓަރުގައި ހޯދީ ކުރިއެރުމެވެ. މި ސިނާއަތުގައި މަސައްކަތް ކުރާ 66 އިންސައްތަ ކުންފުނިން ވަނީ މުވައްޒަފުން އިތުރުވި ކަމަށް ރިޕޯޓު ކޮށްފައެވެ. އަދި ޖުމްލަ އާމްދަނީއާއި ވިޔަފާރިއަށް އޮންނަ ޑިމާންޑު ވެސް ވަނީ އިތުރުވެފައެވެ.

ދަތުރުފަތުރުގެ ސިނާއަތުން ވެސް ބޭރު ފައިސާގެ ދަތިކަން ވަނީ ފާހަގަކުރެވިފައެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އާމްދަނީ އިތުރުވިޔަސް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ތެރޭ މުދަލުގެ އަގު ޖުމްލަކޮށް މަތި ނަމަވެސް ސޭލްސް އިތުރުވުމުގެ ސަބަބުން މި ދާއިރާގެ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ ރަނގަޅުވެފައެވެ.

އާންމު ވިޔަފާރީގައި ވެސް އެންމެ ބޮޑު ދައްޗަކަށް ރިޕޯޓުކޮށްފައިވަނީ ބޭރު ފައިސާ ނުލިބުމެވެ. މީގެ އިތުރުން ވަޒީފާތަކަށް ދިވެހިން ނުލިބުމާއި، ސަރުކާރުގެ ރެގިއުލޭޝަން ތަކުން ދަތިވާ ކަމަށް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ގިނަ ވިޔަފާރިތަކަކަށް ބޮޑެތި ގެއްލުންތަކެއް ވީ ނަމަވެސް، ލޮކްޑައުން އުވާލާ، އާންމު ހާލަތަކަށް ރުޖޫއަ ވުމާއެކު އެ ވިޔަފާރިތައް މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް